
އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 30 ބިލިއަން ފަހަނައަޅައި ގޮސްފި

މުޙައްމަދު ފަޟްލޫން - 07 އޮކްޓޯބަރު 2026 - 11:35
މި އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 30.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން އާއްމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީ މި މުއްދަތުގައި އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މި އަހަރުގެ އޮކްޓޯބަރު 1 ގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 8.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ އިތުރުން، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް (ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް) ގެ ގޮތުގައި ލިބުނު މިންވަރު ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި މި ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 0.90 ބިލިއަން ރުފިޔާ ކަމަށްވިޔަސް، މި އަހަރު އެ އަދަދު ވަނީ 5.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ހަމައެއާއެކު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 2.7 ބިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރު ވަނީ 2.9 ބިލިއަން ރުފިޔާ ލިބިފައެވެ.
ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ދައުލަތުން ޖުމްލަ 35.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މި ހަފުތާގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ މުސާރައާއި އުޖޫރައިގެ ބަޔަށެވެ.
މިއާއެކު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 18.2 އިންސައްތަ އިތުރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޝިރަންތީ ރާޖަޕަކްސާ ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެހިންތަކެއް ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ދާއިރާއިން އެހީފޯރުކޮށްދޭން އެއްބަސްވުމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން

ކާބޯތަކެތީގެ ބަންދުކުރުމާއި ބެހޭ ގަވާއިދަށް އަހުލުވެރިކުރުވަން ޝެޝަން އެއް ކުރިއަށްގެންގޮސްފި
11 ގަޑިއިރު ކުރިން


