
ވެމްކޯގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު... ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ޕޮލިސް ބަލިކޮށް ޤައުމީ މުބާރާތުގެ ޗެންޕިއަންކަން ކުލަބު ވެމްކޯ އިން ހޯދައިފި

ހަސަން ޝަމްއޫން - 05 މޭ 2025 - 02:20
ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން ޕޮލިސް ކުލަބު ބަލިކޮށް ކުލަބު ވެމްކޯ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން ވެމްކޯ ޖާގަހޯދީ ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ފައިނަލުން ޕޮލިސް ކްލަބް ޖާގަ ހޯދީ ސެމީ ފައިނަލުގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބު ވެމްކޯ އިންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުން ޕޮލިސް ކުލަބު ކާމިޔާބުކުރި ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 22-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެމްކޯ އިންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ޕޮލިސް ކުލަބުން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއްކުންނެވެ.
ނަމަވެސް މެޗުގެ ހަތަރު ވަނަ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ހަތް ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 18-25 ގެ ނަތީޖާއަކުންނެވެ. މިއާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެ، މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި ޕޮލިސް ކުލަބުގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނުނުއިރު، މިސެޓު 15-8 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވެމްކޯ އިން ވަނީ މުބާރާތުގެ ތަށި ދިފާއުކޮށްފައެވެ.
2024 ވަނަ އަހަރުގެ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ފައިނަލުގައި ވެސް މިދެޓީމު ވާދަކުރިއިރު 3-1 ގެ ނަތީޖާއަކުން ޕޮލިސް ކުލަބު ބަލިކޮށް ޗެންޕިއަންކަން ހޯދީ ކުލަބު ވެމްކޯ އިންނެވެ. އަދި މިއަހަރުގެ ކާމިޔާބީ އާއިއެކު ވެމްކޯ އިން ވަނީ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހަތަރު ފަހަރު ހޯދާފައެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ، ވެމްކޯގެ ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ އިތުރުން ޕޮލިހުގެ އައިިމިނަތު އަރީޝާ އެވެ. އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންނަކީ، ޕޮލިހުގެ ގްރަޒިއެލް، ވެމްކޯގެ ޕަޓިޔާ އަދި ހުރާ ކޮމިއުނިޓީ ކްލަބްގެ ވެރޯނިކާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ހުރާގެ އަައިޝަތު ނަސްމާ އަހުމަދު އެވެ. އަދި، އެންމެ މޮޅު ކޯޗަކީ، ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެ ފަހުގެ ޗެންޕިއަން ވެމްކޯ ބަލިކޮށް، ޤައުމީ ވޮލީބޯޅަ ލީގު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި
21 ދުވަސް ކުރިން

44 ޓީމާއެކު 12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025 ފެށިގެން ކުރިއަށްދަނީ
17 ދުވަސް ކުރިން

ގައުމީ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
17 ދުވަސް ކުރިން
12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް މާޒިޔާ އިން ކާމިޔާބުކޮށްފި
14 ދުވަސް ކުރިން