.jpg&w=3840&q=75)
ޣައްޒާގެ ދެކުނުގައި ސިއްހީ ޚިދުމަތްދޭ އެންމެ މައި ހޮސްޕިޓަލަށް ބޮންއަޅައި ބޭސްގުދަން ގޮއްވާލައިފި

ސައިފް އަޒުހަރު - 19 މޭ 2025 - 08:58
ޣައްޒާގެ އުތުރުގައި ކިރިޔާވެސް ސިއްހީ ޚިދުމަތެއް ދެވޭ ހާލަތުގައި ހުރި އިންޑޮނޭޝިއަން ހޮސްޕިޓަލަށް ހަމަލާދީ، ހިސާރުކޮށް ޒަޚަމްވެގެންނާއި ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުން ގަދަކަމުން ނެރެ މަގުމަތި ކުރުމަށްފަހު، އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ ދެކުނުގައި ހުރި ނަސަރް ހޮސްޕިޓަލަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ނަސަރް ހޮސްޕިޓަލަކީ ޣައްޒާގެ ދެކުނުގައި ސިއްހީ ޚިދުމަތްދޭ އެންމެ މައި ހޮސްޕިޓަލެވެ.
ޓެރަރިސްޓުން ބޮން އަޅާފައިވަނީ ހޮސްޕިޓަލުގައި ބޭސް ރައްކާކުރާ ގުދަނަށެވެ. ގުދަނުގައި މައިގަނޑުގޮތެއްގައި ހުރީ ބޭހާއި، އައިވީ ފަދަ ޟަރޫރީ ސާމާނެވެ.
މި އުދުވާނީ ހަމަލާގައި ހޮސްޕިޓަލް އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބި، ހަމީހުން ޝަހީދުވިއެވެ.
ބޮމުގެ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަ ފޮޓޯތައް ޣައްޒާ ހެލްތު މިނިސްޓްރީންވަނީ އާންމުކޮށްފައެވެ.
ނަސަރް ހޮސްޕިޓަލަށް އިސްތިއުމާރީ ޓެރަރިސްޓުން މީގެކުރިންވެސް އެތައް ފަހަރަކު ވައިގެ ހަމަލާތައް ދީފައި ވެއެވެ. މި ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްގެ ޚިދުމަތްތައް މެދުކެނޑިގެންވެސް ގޮސްފައި ވެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ރެއިން ފެށިގެން ގެންދަނީ ނަސަރް ހޮސްޕިޓަލް ހުންނަ ޚާން ޔޫނިސްއަށް ވަރުގަދަ ވައިގެ ހަމަލާތައް ދެމުންނެވެ. ހަމަލާތައް ދިނުމަށް އަސްކަރީ ޖެޓުތަކާއި ޑްރޯން ބޭނުން ކުރަމުން ގެންދެއެވެ.
ޚާން ޔޫނިސްއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވާ އަދި ޒަޚަމްވާ އެތައް ބަޔަކު ނަސަރް ހޮސްޕިޓަލަށް ގެންނަމުންދާއިރު، އިސްތިއުމާރީ ސިފައިން ހޮސްޕިޓަލް ރެއިޑްކޮށްފާނެތީ މެޑިކަލް ސްޓާފުން ކަންބޮޑުވެފައިވާ ކަމަށް، ޣައްޒާގެ ހޮސްޕިޓަލްތަކާ ބެހޭ ޑިރެކްޓަރ ޖެނެރަލް ޑރ. މުހައްމަދު ޒަޤްއޫން ވިދާޅުވެފައި ވެއެވެ.
އިސްތިއުމާރީ ސިފައިން ރެއިން ފެށިގެން ޣައްޒާގެ ހުރިހާ ހިސާބަކަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި މިހާތަނަށް 28 މީހުން ޝަހީދުވެ، 150 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައި ވެއެވެ.
ޣައްޒާގެ ނަސްލުނައްތާގައި، ޣައްޒާ ހުސްކޮށްލުމުގެ އުދުވާނު އިސްތިއުމާރީ ސިފައިން ރަސްމީގޮތުން ފެށީ އިއްޔެއެވެ. ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިއްޔެއާއި މިއަދަކީ ލޭއޮހޮރުވުންބޮޑު ދުވަސްތައް ކަމަށެވެ. އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ވައިގެމަގުން ވަރުގަދައަށް ބޮންއަޅައި، އަދި އެއްގަމުމަގުން ފެންނަހާ ބަޔަކަށް ހަމަލާދީ ޝަހީދުކުރަމުންނެވެ.