logo

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ކޮމިޓީއަށް

profile

ޝުރުފާ މުހައްމަދު - 12 ފެބްރުއަރީ 2025 - 06:48

ގޭންގް ކުށްތައް ހުއްޓުވުމަށް ގާނޫނީ އޮނިގަނޑެއް ގާއިމްކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

https://wamco.com.mv/

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދާއި އިއްޔެގެ ޖަލްސާގައި ބަހުސްކޮށްފައި ވެއެވެ. ބަހުސްއަށް ފަހު މަޖިލީހުން މި ބިލު ބަލައިގަތުމަށް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ބިލާ ގުޅޭގޮތުން މިއަދު ކުރިއަށް ދިޔަ ބަހުސްގައި ސަރުކާރުގެ މެމްބަރުން ވަނީ، މި ބިލު ފާސްވެ ތަންފީޒުވާ ހިސާބުން ގޭންގު ކުށްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް ލިބިދޭ ބާރު އިތުރަށް ބޮޑުވެ ވަރުގަދަ ވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ޒުވާން ޖީލު މިކަމުގައި ހަލާކުވަމުން ދާއިރު، ޒުވާނުން ވެސް އަދި މުޅި މުޖުތަމައުން ވެސް އެދެނީ، މިކަން ހައްލުކުރުމަށްކަން ފާހަގަކުރައްވާ މެމްބަރުން ވަނީ މި ގާނޫނު ތަންފީޒުވާން ފަށާ ހިސާބުން މުޖުތަމައުގެ ތެރެއިން އެ ބަދަލު ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ބަހުސްގައި މި ބިލާ ގުޅޭގޮތުން ވާހަކަ ދެއްކެވި، އެމްޑީޕީގެ މެމްބަރުން ވަނީ މި ބިލުގެ މަގްސަދާއި ބިލުގައި ހުރި ބައެއް މުހިންމު ކަންތައްތަކާ މެދު ސުވާލު އުފައްދަވާފައެވެ.

ޖުމްލަ ގޮތެއްގައި މިފަދަ ގާނޫނެއް އޮތުމަކީ މުހިންމު ކަމެއްކަމަށް އެ މެމްބަރުން ވެސް ދެކެއެވެ. އެގޮތުން މިއަދުުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހަންމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، މި ބިލު ފާސްކުރާ ހިސާބުން މިވެސް ވެގެންދާނީ ތަންފީޒުނުކުރެވޭ ގާނޫނަކަށް ކަމަށެވެ.

ބިލުގެ މުހިންމު ނުކުތާތައް:

މިހާރު އަމަލުކުރާ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮންނަ ގޮތުން ގޭންގް ލީޑަރުންނާއި މެމްބަރުން ކަނޑައެޅެން އޮންނަނީ ޖިނާއީ ކުށްތަކުގައި ދައުލަތުން ދައުވާކުރުމުން ކޯޓުތަކުގެ މައްޗަށެވެ. އެކަމަކު މިހާރު މި ބިލުގައިވާގޮތުން ގޭންގުތައް އަދި ގޭންގު ލީޑަރުން ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިން ފުލުހުންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއްކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ.

ގޭންގުގެ ސިފަތައްކަމަށް މި ބިލުގައި ކަނޑައަޅާފައިވަނީ ވަކި ސިޓީއެއް ގޯޅިއެއް، އަދި ޕާކެއް ފަދަ ސަރަހައްދަކީ އެފަރާތެއްގެ ތަނެއްކަމަށް ބެލެވޭ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ.

ގޭންގު ލީޑަރުންގެ ސިފަތަކުގެ ގޮތުގައި ހިމަނާފައިވަނީ ބަޔަކު އާންމުކޮށް ގޮސް އުޅޭ ސަރަހައްދުގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށްކަން ކުރަންވީ ގޮތް ކިޔައިދޭ ބަޔަކު ތިބިކަމަށް އެމީހުންގެ މެދުގައި ގަބޫލުކުރާކަން ފުލުހުންގެ ރެކޯޑުތަކުން ދެއްކުމާއި، ވަކި ސަރަހައްދަކަށް ގޮސް އާންމުކޮށް އުޅޭ އެކަކަށް ވުރެ ގިނަ މީހުންނަކީ ތަކުރާރުކޮށް ޖިނާއީ ކުށްކުރާ ކަމަށް ތުހުމަތު ކުރެވޭ ކުށުގެ ރެކޯޑު އޮތް ބަޔަކަށްވުމާއި އެ ސަރަހައްދަކަށް އެއްވެ އުޅޭ ބައެއްގެ ފަރާތުން އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު އަމަލުތަކާއި މަސްލަހަތަށް ގެއްލުން ހުރި އަމަލުތައް ކުރުމުގައި މަސްއޫލުވެ އުޅޭކަން ފުލުހުންގެ ރެކޯޑުތަކުން ދެއްކުން ހިމެނެ އެވެ.

މި ބިލުގައިވާ ގޮތުން ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ އެ މީހަކު ވަޒީފާއިން ވަކިކުރަންޖެހެ އެވެ. އެފަދަ ފަރާތަކަށް ދައުލަތުން ވަޒީފާ ދީގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބިލްގައި ވެއެވެ. މީގެ އިތުރަށް ގޭންގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން އެއްވެސް ގާނޫނީ ޝަހުސެއް ރަޖިސްޓްރީ ކޮށްދީގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މިސާލަކަށް ފުޓުބޯޅަ ކްލަބުތަކާއި އެކި ކަހަލަ ޖަމިއްޔާތައް ވެސް ހިމެނެ އެވެ.

މީގެ އިތުރަށް ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރައްވަން ޖެހޭނެއެވެ. އަދި ގޭންގް މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމު ކުރަންވެސް ޖެހެއެވެ. އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަން ޖެހެއެވެ. މިގޮތަށް އާންމުކުރުމުގެ މަގްސަދަކީ އާންމުންނާއި ރާއްޖެއިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމެވެ.

https://wamco.com.mv/
https://www.aslu.com.mv