logo

ކުރިއަށް އޮތް 5 ދުވަހު މުޅި ރާއްޖެއަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ

profile

އަހުމަދު ޒަލީފު - 15 މޭ 2024 - 16:05

ކަނޑުތައް ވަރަށް ގަދަ

ކަނޑުތައް ވަރަށް ގަދަ

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުތަކަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓުން ބުނީ، ރާއްެޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ފިޔަވަޅު އެޅުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަހަރު އާދައާ ހިލާފަށް ހޫނު ގަވަވެފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހުޅަނގު މޫސުން ފެށުުމުން މިހާރު ދަނީ ބައެއް ސަރަހައްދުތަކަށް އާދައާ ވިއްސާރަކުރަމުންނެވެ.

https://int.etukuri.mv/
tel:+9607331319