މާދަމާ އަދި އަންގާރަ ދުވަހު ރާއްޖޭގެ އެކި ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ލަފާ ކުރާ ގޮތް އާންމު ކުރަމުން މެޓުން ބުނީ، ހޯދަ އަދި އަންގާރަ ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ބުދަ ބުރާސްދަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 18-8 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 35-30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
މެޓުން ވަނީ މި ދުވަސްވަރުގެ ރާޅުގެ އުސްމިން ހުންނާނީ 3-7 ފޫޓާއި ދެމެދު ކަމަށް ވެސް ލަފާ ކޮށްފައެވެ.
މިދުވަސް ވަރު ރާއްޖޭގެ ބައެއް ރަށްތަކަށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، އީދާއި ދިމާކޮށް ގިނަ ރަށްތަކުގައި އީދު ފާހަގަ ކުރަން އެކި ކަހަލަ ކުޅިވަރުތައް ބޭއްވުމަށް ވަނީ ރާވާފައެވެ.