އައްޑު އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ފޭދޫގެ 40 އަށް ވުރެ ގިނަ ގެތަކަށް ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އުން ބުނެފި އެވެ.
އެތަން މިއަދު ބުނީ ފޭދޫގެ ގެތަކަށް ފެން ވަނުމާ ގުޅިގެން ފަސް ގެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރީ ދެ ގެއެއްގެ މީހުން ކަމަށާއި އަނެއް ތިން ގޭގެ މީހުން ބަދަލުވީ އާއިލީ ގެތަކަށެވެ.
ރޭ ބޯކޮށް ވެހުނު ވާރޭގައި ފޭދޫގެ ގެތަކަށް ފެން ވަދެ، ލިބުނު ގެއްލުންތައް ފޭދޫ އަވަށު އޮފީހުން މިހާރު އަންނަނީ އިތުރަށް ބަލަމުންނެވެ. ވިއްސާރައިގައި ގެއްލުންވުމާ ގުޅިގެން ފޭދޫގެ ދެ ކައުންސިލަރުން ކަމަށްވާ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ އާއި މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ގެންދަވަނީ ގެތަކުގެ ހާލަތު ގާތުން ބައްލަވަމުންނެވެ.
އައްޑު އަށް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ފޭދު އަކީ އެންމެ ބޮޑަށް ފެންބޮޑުވުމުގެ މައްސަލަ ދިމާވާ އަވަށެވެ.