ކެނަބިސް އެކުލެވޭ، ވޭޕް އޮއިލް ޝިޕްމެންޓެއް ރާއްޖެ އެތެރެކުރަން އުޅެފިއެވެ.
މަސްތުވާތަކެތި ހުރި ވޭޕް އޮއިލް ޝިޕްމެންޓެއް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް، އެއާޕޯޓުން އަތުލައިގެންފައިވާކަން ހާމަ ކުރެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިހްސާން އެވެ.
އަތުލައިގެން ތަކެތީގެ ފޮޓޯއާއެކު މިނިސްޓަރ އިޙްސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތަކެތި ރާއްޖެ އެތެރެކުރަން އުޅެފައި ވަނީ ވޭޕް އޮއިލްގެ ނަމުގައި ކަމަށާއި އެ ޝިޕްމެންޓު އަތުލައިގަތީ ކަސްޓަމްސްއިން ކަމަށެވެ.
މިމައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރެއެވެ. ނަމަވެސް މިމައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ރާއްޖެއަށް ވޭޕު އެތެރެކޮށް ވިޔަފާރި ކުރުމާއި އޭގެ ބޭނުން ކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިފަދަ ކަންކަމާ ގުޅިގެން ކަމަށެވެ. ރާއްޖޭގައި ވޭޕު މަނާކުރަން ރައީސް ނިންމަވާފައި ވަނީ އަންނަ ޑިސެމްބަރު 15 އިން ފެށިގެންނެވެ.
ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް، ކަމާބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އެންގެވި އެންގެވުމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، ދިވެހި ދަރީން މަސްތުގެ މަގަށް ފަސޭހަކަމާއެކު އަނބުރާލާ ކަމެއްގެ ގޮތުގައި އޮތް ވޭޕްކުރުން މަނާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމަކީ މިގައުމު ތާއަބަދަށް ޝުކުރުވެރިވާނެ މުހިންމު ބޮޑު ނިންމެވުމެއް ކަމަށެެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިގޮތަށް އަންގަވާފައިމިވަނީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރެޓް ރާއްޖެއަށް އެތެރެކުރުން މަނާކޮށްދިނުމަށް އެކި ޖަމިއްޔާތަކުން ވެސް އެދެމުންދާ ދަނޑިވަޅެއްގައެވެ. ވޭޕް މަނާކުރުމަށް އެދި ރައީސަށް ސިޓީއެއްވެސް އެ ފަރާތްތަކުން ހުށަހަޅާފައި ވެއެވެ.
އެގޮތުން ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއާއި ރާއްޖެއަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހެން މަގުފަހިވާ ކަމެއް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ނަރުހުންގެ ޖަމިއްޔާއިން ވެސް ވަނީ ވޭޕާއި އީ-ސިނގިރޭޓު މަނާކޮށްދިނުމަށް އެދި ކަމާބެހޭ މުއައްސަސާތަކާއި ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ވޭޕްގެ ސިއްހީ ނުރައްކާތެރި ކަމާމެދު މިހާރު ލިބިފައިވާ ފަންނީ މައުލޫމާތުތަކަށް ބިނާކޮށް އެމެރިކާގެސީޑީސީ އާއި އެފްޑީއޭ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވޭޕް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިވާކަމަށެވެ. އަދި ދުންފަތުގެ ތަފާތު ނުރައްކަލަކަށް ހުށަހެޅިގެންދާ އައު ޖީލެއް މިހާރު އުފެދިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.