
ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ރިޟްވާން މޫސާ - 27 އޭޕްރީލު 2026 - 12:35
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އިތުރުކޮށްފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސާބިތު ދަރަންޏެއް ގަވައިދުން ދައްކަމުން ނުދިއުމާ ގުޅިގެން، ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް، މި މަހުގެ 12ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިމަހު 13ވަނަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން، ބައި-އިލެކްޝަންގައި ވާދަކުރުމަށް ފޯމު ހުށަހެޅޭނީ މި ހަފުތާގެ ބުދަ ދުވަހުގެ މެންދުރުފަހު ތިނެއް ޖަހަންދެނެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުން، އެ މުއްދަތު ވަނީ މި ހަފުތާގެ ހޮނިހިރު ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށް އިތުރުކޮށްދީފައެވެ.
ބައި-އިލެކްޝަނަށް ކުރިމަތިލާ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކޮމިޝަނުގެ އީމެއިލް މެދުވެރިކޮށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ބުނެފައިވެއެވެ.
ގާނޫނު ބުނާގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާތާ ފަސް ދުވަސް ތެރޭގައި އެ ގޮނޑިއަށް އިތުރު މެންބަރަކު ހޮވަން ބާއްވާ އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފައިވަނީ، އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު، ހެނދުނު 8:00އިން ހަވީރު 4:00އަށެވެ. އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އޭގެ ދެ ދުވަސް ފަހުން، ޖޫން މަހުގެ އަށް ވަނަ ދުވަހެވެ.
ސިނާނުގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން އައްޑޫ ހިތަދޫ، ވާދޫގެ، އަޙްމަދު ވަޙީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޝިއާއު މަރާލަން ބޭނުންކުރި ވަޅިތަކާއި ހެދުންތައް ކޯޓަށް ދައްކައިފި
41 މިނިޓު ކުރިން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް މުހައްމަދު އަފީފް އައްޔަނުކޮށްފި
4 ގަޑިއިރު ކުރިން

މަޖިލީހުގެ މަސައްކަތްތައް މިނިވަންވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް: ނައިބު ރައީސް
7 ގަޑިއިރު ކުރިން

އޮގަސްޓްމަހުގެ ނިޔަލަށް އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލެވޭނެ: ރައީސް
9 ގަޑިއިރު ކުރިން


.gif&w=3840&q=75)