logo

ބޮޑުތަކުރުފާނު މަގުގެ ތަރަށްގީކުރި އައު ސަރަހައްދު މިއަދު ހަވީރު ހުޅުވާލަނީ

profile

އާމިނަތު ޝަޒްލާ - 24 ޖުލައި 2026 - 10:30

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފިއެވެ. މިއީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

https://wamco.com.mv/

މި މަޝްރޫއުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދު މިއަދު ހަވީރުން ފެށިގެން އާންމު ދަތުރުފަތުރަށް ހުޅުވާލެވޭނެއެވެ. ގާތްގަނޑަކަށް 700 މީޓަރުގެ މި ސަރަހައްދު ތަރައްޤީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މި މަސައްކަތް ފަށާފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

މަގު ހުޅުވާލި ނަމަވެސް، ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތާއި، އެ ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ކަމަކީ މަގު ފެހިކުރުމެވެ. އެގޮތުން އެކި ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން ހިންގި ގަސް އިންދުމުގެ ހަރަކާތްތަކާއެކު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މުޅިއެކު 3,100 އަށްވުރެ ގިނަ ގަސް މިހާތަނަށް ވަނީ އިންދާފައެވެ. ވަކިން ހާއްސަކޮށް، ރައީސް އޮފީސް ކުރިމަތިން އޮތް ސަރަހައްދުގައި ދިވެހި ރުށް އިންދާފައިވުމުން ގިނަ ބައެއްގެ ތައުރީފު މި މަޝްރޫއަށް ވަނީ ލިބިފައެވެ. ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި ރީތި ބަގީޗާ މާގަސްތަކުން އެ ސަރަހައްދު ވަނީ ޒީނަތްތެރިކޮށްފައެވެ.

މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، އެ ސަރަހައްދަށް ދާ އުޅަނދުތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ގާއިމުކޮށްފައެވެ. މިއީ މާލޭގެ މަލަމަތި ރީތިކޮށް، ދަތުރުވެރިންނަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk