logo

ޖަންގުޝަން ވަހުގެ ހާލަތުން ތިނަދޫ ޕަބްލިކް ހެލްތް ޙިދުމަތް ހުއްޓާލައިފި: މުވައްޒަފުންވެސް ބޭރުގައި!

profile

ރިޟްވާން މޫސާ - 25 އޮކްޓޯބަރު 2026 - 08:40

ތިނަދޫ ސިޓީގައި، ޕަބްލިކް ހެލްތްގެ ޙިދުމަތްތައް ފޯރުކޮށްދޭ ޔުނިޓުގެ މަސައްކަތް މިއަދު މުޅިން ހުއްޓާލާފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މި ޙިދުމަތް ހުއްޓާލަން ޖެހުނީ ޙިދުމަތްދެމުން އަންނަ އިމާރާތުގެ ތެރެއިން ޖަންގުޝަން އިން ނުބައި ވަސް ދުވުމުގެ ސަބަބުން މަސައްކަތް ކުރެވޭނެ ގޮތެއް ނެތިގެންނެވެ. މިކަމާ ގުޅިގެން ޙިދުމަތްދިނުމަށް ދިޔަ މުއައްޒަފުންވެސް މިހާރު ތިބީ އިމާރާތުން ބޭރުގައެވެ.

https://wamco.com.mv/

"އަސްލުޓީވީ" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސިޓީން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މި މައްސަލަ ދިމާވެފައި ވަނީ އިމާރާތުގެ ތެރެއިން ދުވާ ޖަންގުޝަން ވަހުގެ ސަބަބުންނެވެ. މިހާ ގަދަ ވަހެއް ދުވުމުގެ ސަބަބުން އިމާރާތުގެ ތެރޭގައި މަސައްކަތް ކުރެވޭނެ ހާލަތެއް ނެތުމުން، މިއަދު އެއްކޮށް ޙިދުމަތް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. މިހާރު ޚިދުމަތް ދިނުމަށް ދިޔަ މުވައްޒަފުންވެސް ތިބީ އިމާރާތުން ބޭރުގައެވެ.

މި ޔުނިޓަކީ ތިނަދޫ ސިޓީގެ ރައްޔިތުންނަށް ޕަބްލިކް ހެލްތްގެ މުހިންމު ޙިދުމަތްތައް ފޯރުކޮށްދާ ޔުނިޓެކެވެ. މި ޙިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ދެވޭ ވެކްސިން ޕްރޮގްރާމްތަކާއި، މާބަނޑު މީހުންނަށް ދެވޭ ޚިދުމަތްތަކާއި، ބަރުދަން ބެލުމާއި، ޢާންމު ސިއްޙަތާ ގުޅޭ މަޢުލޫމާތު ދިނުމާއި، ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

މި ޔުނިޓު މިހާރު ގާއިމުކޮށްފައި ހުންނަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގެސްޓްހައުސް ހިންގަމުން އަންނަ އިމާރާތުން ބައެއްގައެވެ. ނަމަވެސް، މީގެ ކުރިން މި ޙިދުމަތްތައް ފޯރުކޮށްދެމުން އައީ އެ ސިޓީގައި ހުންނަ އަބުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުންނެވެ.

ތިނަދޫ ސިޓީއަކީ އަތޮޅުގެ އެހެނިހެން ރަށްރަށުންވެސް ގިނަ ބަޔަކު ސިއްޙީ ފަރުވާ ހޯދުމަށް އަންނަ މުހިންމު މަރުކަޒެއްކަން ފާހަގަކޮށްލެވެއެވެ. މިފަދަ މުހިންމު ޙިދުމަތެއް މިގޮތަށް ހުއްޓިފައި ހުރުމަކީ ސިއްޙީ ޙިދުމަތްތަކަށް ބަރޯސާވެފައިވާ އެތައް ރައްޔިތުންނަށް ދިމާވާނެ ބޮޑު ދަތިކަމެކެވެ. މި މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތަކުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލައަށް އަވަސް ޙައްލެއް ލިބި، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޙިދުމަތްތައް އަނބުރާ ފެށޭނެ ކަމަށް އުންމީދު ކުރެވެއެވެ.

https://wamco.com.mv/
tel:+9607331319