logo
 ތުރުކީވިލާތް، މިސްރު، ޕާކިސްތާން އަދި ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރުން، ފޮޓޯ: ގަލްޕް ޓައިމްސް

ތުރުކީވިލާތް، މިސްރު، ޕާކިސްތާން އަދި ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރުން، ފޮޓޯ: ގަލްޕް ޓައިމްސް

އިސްރާއީލް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އިސްލާމީ 4 ގައުމަކުން ގޮވާލައިފި

profile

އާމިނަތު ޝަޒްލާ - 24 އޮކްޓޯބަރު 2026 - 11:44

ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ދެ ދައުލަތް ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ތުރުކީވިލާތް، މިސްރު، ޕާކިސްތާން އަދި ސައުދީ އަރަބިއްޔާއިން ގޮވާލައިފިއެވެ.

https://wamco.com.mv/

މިދިޔަ ހުކުރު ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލްގައި ބޭއްވި މި ހަތަރު ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުމަކީ މުޅި ސަރަހައްދާއި ބައިނަލްއަގުވާމީ މަސްރަހުގެ ހަމަޖެހުން ގެއްލެން މެދުވެރިވާ މައިގަނޑު ސަބަބު ކަމަށެވެ. އަދި އިސްރާއީލުގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާފު ގާއިމުނުކުރެވޭކަމުގެ އިހުސާސް އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރައްވައި، އދ. ގެ ޗާޓަރުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެ ގައުމުތަކުން ދެމިތިބޭނެކަން ވަނީ ތަކުރާރުކޮށްފައެވެ.

ގަލްފް ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ހިންގަމުންދާ ލޭއޮހޮރުވުންތައް ވަގުތުން ހުއްޓާލުމަށާއި، ގުދުސްގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ވަޒީރުން ވަނީ ބާރުއަޅުއްވާފައެވެ. މީގެ އިތުރުން ހުޅަނގު އައްސޭރިއާއި ގުދުސްގައި ހިންގާ ބިން ފޭރުމުގެ އަމަލުތަކާއި، ޔަހޫދީ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ގައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި އެ ސިޓީ އަލުން އާބާދުކުރުމަށް އެހީތެރިކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ބަޔާންކުރައްވާފައިވެއެވެ.

ޔަމަނުގެ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ހޫޘީން ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތުންނަށާއި، ރަތްކަނޑާއި ބާބުލް މަންދަބު ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރަށް ދޭ ހަމަލާތައް ވަޒީރުން ކުށްވެރިކުރެއްވިއެވެ. އަދި ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ސަރުކާރާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކުރައްވައި، ހޫޘީންގެ ހަމަލާތައް ހުއްޓާލައި ސުލްހަވެރި މަޝްވަރާތަކަށް އެނބުރި އައުމަށް ވަނީ ގޮވާލައްވާފައެވެ.

އެމެރިކާއާއި އިސްރާއީލު އެއްކޮޅުން އަދި އީރާނު އަނެއްކޮޅުން ހިމެނޭ އަސްކަރީ ކުރިމަތިލުންތަކާއި، ހޯރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމަށް ހައްލު ހޯދަންޖެހޭނީ ހަމައެކަނި ވާހަކަދައްކައިގެން ޚާރިޖީ ގޮތުން ކަމަށް ވަޒީރުން ވިދާޅުވިއެވެ. އަދި ޕާކިސްތާނުގެ އިސްލާމްއާބާދުގައި ސޮއިކުރެވުނު ފަހުމުނާމާއަށް ތާއީދުކުރައްވައި، މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވިއެވެ.

މީގެއިތުރުން، ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރުން ވިދާޅުވީ، ކަނޑުގެ މަގުތަކަށް ހުރަސްއެޅުމުގެ ސަބަބުން ސަޕްލައި ޗެއިންތަކާއި، ހަކަތައާއި، ގަހަށް އަޅާ ކާނާއާއި، ކާބޯތަކެތި ފޯރުކޮށްދިނުމަށް ބުރޫއަރައި ދުނިޔޭގެ ސަލާމަތަށް ނުރައްކާވާ ކަމަށެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން ކުރާ ދަތުރުތަކަށް އެއްވެސް ހުރަހެއް އެޅުން ބަލައިނުގަންނާނެ ކަމަށާއި، ހޯރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު އަވަހަށް ފުރިހަމަކުރުމަށް ގޮވާލައްވައި، މި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ހަތަރު ގައުމުން ވަނީ އެއްބަސްވެފައެވެ.

https://wamco.com.mv/
tel:+9607331319