.jpg&w=3840&q=75)
ފަތިހުން ފެށިގެން މިހާތަނަށް ޣައްޒާއިން 29 މީހުން ޝަހީދު، 3 އާއިލާއެއް ވުޖޫދުން ފޮހެލައިފި

ސައިފް އަޒުހަރު - 17 އޭޕްރީލު 2025 - 18:08
އިސްތިއުމާރީ ޓެރަރިސްޓުން ހުއްޓާނުލާ ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިއަދުގެ ފަތިހުން ފެށިގެން މިހާތަނަށް 29 މީހުން ޝަހީދު ކޮށްލައިފިއެވެ.
ހަމަލާތަކުގައި އިތުރު އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
މިއަދު ޝަހީދުކޮށްލި 29 މީހުންގެ ތެރެއިން 21 މީހުންނަކީ ޣައްޒާގެ އުތުރުގެ ގާޒާ ސިޓީއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންނެވެ.
މިއަދު ޝަހީދުކޮށްލި މީހުންގެ ތެރޭގައި އެތައް ކުޑަކުދީންވެސް ހިމެނެއެވެ.
ޣައްޒާގެ އުތުރުގެ ޖަބަލިއާގައި އާންމުން ހިމާޔަތް ހޯދައިގެން ތިބި އަލް އައްޔޫބިއާ ސްކޫލަށް ބޮންއަޅައި 6 މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އިތުރު އެތައްބަޔަކު ޒަޚަމްވިއެވެ.
އެ ސްކޫލަކީ އދގެ ރެފިއުޖީ އޭޖެންސީން ހިންގާ ސްކޫލެކެވެ.
ޖަބަލިއާގައި އާންމުން ދިރިއުޅޭ އިމާރާތަކަށް ބޮންއެޅުމުގެ ސަބަބުން 2 މީހުން ޝަހީދުވެ، އިތުރު އެތައްބަޔަކު ޒަޚަމްވެފައި ވާއިރު، ޣައްޒާގެ މެދުތެރޭ ދިރުލް ބަލާހާއި، ޣައްޒާގެ ދެކުނުގެ ރަފަޙަށް މިއަދު މެންދުރު ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި 5 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
ދީރުލް ބަލާހްގެ އިރުމަތީ ފަޅިން ސައިކަލަށް ދިން ޑްރޯން ހަމަލާއެއްގައި އެތައްބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.
ޣައްޒާގެ ދެކުނުން ރެއަކީ އިސްތިއުމާރީ ޓެރަރިސްޓުން ބޮޑުވެގެންވާ ލާއިންސާނީ ގަތުލުއާންމެއް ހިންގާފައިވާ ރެއެކެވެ.
ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ އާއިލާއެއް ދިރިއުޅޭ ވަގުތީ ފޭލިގެއަށް، އެންމެން ނިދަން ތިއްބައި ބޮންއަޅައި، އެ އާއިލާގެ 10 މެމްބަރުން ޝަހީދުކޮށް، އެ އާއިލާ އެއްކޮށް ވުޖޫދުން ފޮހެލާފައި ވެއެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 6 ކުޑަކުދިންވެސް ހިމެނެއެވެ.
ޓެރަރިސްޓުން ބޮންއެޅުމުގެ ޓެންޓުގައި އަލިފާން ރޯވެ، ކުޑަކުދިންތައް ޝަހީދުވެފައިވަނީ އަލިފާނުގެ ސަބަބުން އަނދައިގެންނެވެ. އެކުދީންގެ ހަށިތައް އަނދާފައިވާލެއް ބޮޑުކަމުން ޖިންސުވެސް ވަކިކުރަން ނޭނގޭ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. ޝަހީދުކޮށްލި ކުދީންގެ ތެރޭގައި ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކުވެސް ހިމެނެއެވެ.
ޖަބަލިއާގައި އާއިލާއެއް ދިރިއުޅޭ ފޭލިގެއަށް ބޮންއަޅައި 7 މީހުން ޝަހީދުކޮށްލާފައި ވާއިރު، ބައިތު ލާހިޔާގައި ފޭލިގެއަކަށް ބޮންއަޅައި 6 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
މިތިން އާއިލާއިންވެސް އެކަކުވެސް ސަލާމަތެއް ނުވިއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މިހާރު ބޮޑަށް އަމާޒުކުރަމުންގެންދަނީ އާންމުން ދިރިއުޅޭ ފޭލިގެތަކަށާއި، އާންމުން ފޮތި ދަމައިގެން ތިބޭ މައިދާންތަކަށާއި، ގެތަކަށެވެ. އާއިލާތައް އަކަށް މަރައި ގެންދަނީ ހުސްކުރަމުންނެވެ.