ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބުރާސްފަތި ދުވަހު
ޝުރުފާ މުހައްމަދު - 13 ޖެނުއަރީ 2025 - 14:25
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލްކޮށްފި އެވެ.
ހެނދުނު 9 ޖަހާއިރު ފަށާ ގޮތަށް ތާވަލްކުތި ޖަލްސާގެ އެޖެންޑާ މިހާރު މަޖިލީހުން އާންމުކޮށްފައިވާއިރު ޖަލްސާއަށް ޖުމްލަ ފަސް މަސައްކަތެއް އެޖެންޑާކޮށްފައި ވެއެވެ.
އޭގެ ތެރެގައި ހިމެނެނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބުރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުން، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުން، އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ފޮނުވާފައިވާ ނަންތައް ކޮމިޓީއަށް ފޮނުވުމެވެ.
މީގެ އިތުރަށް ކޮމިޓީތަކުން ތަޅުމަށް ފޮނުވާފައިވާ ކަންކަމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމަށް ފޮނުވާފައިވާ ކޮމިޓީ ރިޕޯޓާއި އަދި އިލެކްޝަންސް ކޮމިޝަނަށް ދެ މެމްބަރުން އައްޔަންކުރުމަށް ފޮނުވާފައިވާ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުން ވަނީ ތާވަލްކޮށްފަ އެވެ.
މަހުގެ ތެރޭގައި ދައުރުން ބޭރު ދެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ. ދެވަނަ ޖަލްސާ އަދި އެޖެންޑާ ކޮށްފައެއް ނުވެއެވެ.
މި ވަގުތު މަޖިލީސް އޮތީ ދައުރު ނިންމުމަށް ފަހު ޗުއްޓީގައެވެ. މަޖިލީސް އަލުން ހުޅުވޭނީ އަންނަ މަހުގެ 6 ވަނަ ދުވަހުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ރައީސް ސޯލިހުގެ 5ވަނަ ރިޔާސީ ބަޔާން މާދަމާ އިއްވާނެ
2 އަހަރު ކުރިން
ޖޭއެސްސީ ބަދަލު ކުރުމުގެ އިސްލާހު މަޖިލީހަށް ހުށަހަޅަނީ
2 އަހަރު ކުރިން
ފަސް މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި
2 އަހަރު ކުރިން
ރިޔާސީ ބަޔާން އިއްވި ޖަލްސާއަށް ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުން ހާޒިރުނުވޭ
2 އަހަރު ކުރިން