ފޮރިން އެކްސްޗޭންޖްގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ( އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން މި ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލުމާ ގުޅިގެން، ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ އެމްއެމްއޭ އިން ޑޮލަރު މާރުކުރުމުގައި ލުއިތަކެއް ދިން ކަމަށް ބުނެ ރިޕޯޓް ކޮށްފައެވެ.
މިކަމާ ގުޅިގެން އެމްއެމްއޭއިން ވަނީ ކަމުގެ އަސްލު އޮޅޭގޮތަށް ބައެއް ނޫސްތަކުން ހަބަރު ފަތުރާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިހާރު ހިޔާލު ހޯދަން ހުޅުވާލާފައިވާ ބިލުގެ މައިގަނޑު މަގުސަދަކީ، އޮކްޓޯބަރު 1، 2024 ގައި އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުން ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މިހާރު އެކި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް މި ބިލު ފޮނުވާފައި ވާކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމުރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މިހާރު އެކުލަވާލެވިފައިވާ ބޭރު ފައިސާއާބެހޭ ބިލަށް ކޮމެންޓު ހުށަހެޅުމުގެ ފުރުސަތު، އެމްއެމްއޭއިން ވަނީ ، ޑިސެންބަރު 1، 2024 ގެ 14:00 އާ ހަމައަށް ހުޅުވައިލާފައެވެ.
ޑްރާފްޓުކޮށްފައިވާ ބިލުގައި ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތަކެއް ހިމަނައިފައި ވެއެވެ.
އެގޮތުން ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން، އުމުރުން ދެއަހަރު ފުރިހަމަނުވާ ކުޑަކުދިން، ޓޫރިޒަމް އެސްޓަބްލިޝްމެންޓްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ ފަރާތްތައް އޭގެތެރޭގައި ހިމެނެއެވެ.
މިހާރު އެކުލަވާލާފައިވާ ބިލުގައި ހިމެނޭ އިތުރު ބަދަލުތަކުގެ ތެރޭގައި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭރުފައިސާއިން މުއާމަލާތްކުރުމަށް ކަނޑައަޅާފައިވާ ކަންކަމަށް ފިޔަވައި، ދިވެހިރާއްޖެއިން ދިވެއްސަކު ހޯދާ މުދަލާއި ހިދުމަތްތަކަށް ބޭރު ފައިސާއިން އަގު އަދާކުރަން ލާޒިމެއް ނުކުރެވޭނެ ކަމަށާއި އަހަރެއްގެ ތެރޭގައި ވިހި މިލިއަން އެމެރިކާ ޑޮލަރަށްވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތައް އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހެއެވެ. އަދި އެ އާމްދަނީގެ 25 ޕަސެންޓަށް ވާ ފައިސާ މާރުކުރަން ޖެހޭނެއެވެ.
އަދި 50 ކޮޓަރިއަށް ވުރެ މަދުން ނުވަތަ ގިނައިން ހުރި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތައް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފައެވެ. ކުރިން އެމްއެމްއޭ އިން އާންމުކުރި ބޭރު ފައިސާގެ ގަވާއިދުގައި އޮތް ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ސަފާރިތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 މާރުކުރަން ޖެހޭނެއެވެ. ނަމަވެސް އާންމުންގެ ހިޔާލު ހޯދުމަށް ރޭ ހުޅުވާލި ބިލުގެ ޑްރާފްޓުގައި ރަށްރަށުގައި ހިންގާ ހޮޓާތަކާއި ސަފާރީތައް ވަނީ 500 ޑޮލަރު މާރުކުރަންޖެހޭ އޭ ކެޓަގަރީގެ ތަންތަނުން، 25 ޑޮލަރު މާރުކުރަން ޖެހޭ ބީ ކެޓަގަރީއަށް ބަދަލުކޮށްފައެވެ.
ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓު އުޅަނދުތައް މި ބިލުން އިސްތިސްނާވާނެ ކަމަށް އެމްއެމްއިން ބުނެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ބޭރުފައިސާއާބެހޭ ގަވާއިދުގެ ދަށުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ޑިޕޮސިޓް ކުރުމަށް، އަލަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރަޖިސްޓަރީވުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. މި ގަވައިދުގެ ދަށުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ވަނީ ހިމަނާފައެވެ.
ކުރިން އާންމު ކުރި ބޭރު ފައިސާއާބެހޭ ގަވާއިދުގެ ތެރެއިން އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސްޓް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ގަވައިދުގައިވަނީ ލާޒިމްކޮށްފައެވެ. ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހަނީ 25 ޑޮލަރެވެ. އެމްއެމްއޭއިން ވަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މާރުކުރުމުގެ ދަތިކަން ހުރި ފަރާތްތަކަށް އެއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދޭވެނެކަމަށްވެސް ބުނެފައެވެ.
މީގެ އިތުރުން މި ގަވާއިދުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރިއެލޮކޭޝަން ނިޒާމެއް ގާއިމުކުރުންކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށް އެމްއެމްއޭއިން ވަނި ފާހަގަކޮށްފައެވެ.