
އިޓަލީ އާއި މޯލްޑޯވާ ވާދަކުރި މެޗުގެ ތެރެއިން..
އަމިއްލަ ދަނޑުގައި މޮލްޑޯވާއާ އަތުން އިޓަލީއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން - 10 ޖޫން 2025 - 09:05
ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ގުރޫޕް އައިގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މޯލްޑޯވާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިޓަލީ އިން ކޮލިފައިންގެ އުންމީދު އައުކޮށްފިއެވެ.
ކޮލިފައިންގައި އިޓަލީ އެންމެ ފަހުން ކުޅުނު މެޗުގައި ނޯވޭ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މޯލްޑޯވާ އެންމެ ފަހުން ކުޅުނު މެޗުގައި ޕޮލެންޑް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިޓަލީ އެވެ.
މީގެ އިތުރުން މިއީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ލޫސިއާނޯ ސްޕަލޭޓީ އެ ޓީމަށް އިރުޝާދު ދޭނެ ފަހު މެޗެވެ. މިދިޔަ ހަފްތާގައި ނޯވޭ އަތުން ބަލިވި މެޗަށްފަހު އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ސްޕަލޭޓީ މަގާމުން ވަކިކުރަން ނިންމާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިޓަލީ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ނުވަވަނަ މިނެޓުގައި މޯލްޑޯވާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.
އިޓަލީން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނަޕޯލީގެ ފޯވާޑް ޖިއާކޯމޯ ރެސްޕަރޯޑީ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އިޓަލި އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ ޑިފެންޑަރ އެންޑްރިއާ ކެމްބިއާސޯ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-0 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކޮލިފައިންގައި އިޓަލީ ކުޅުނު ދެމެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި މޯލްޑޯވާ އިން ކޮލިފައިންގައި ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
ގުޅުން ހުރި ޙަބަރުތައް

އިޓަލީގައި ފެން ބޮޑުވުން: މިހާތަނަށް 14 މީހުން މަރުވެއްޖެ!
2 އަހަރު ކުރިން

އިޓަލީވިލާތުގައި ބޯޓެއް ބަންޑުންޖަހައިލާ ހަތަރު މީހުން މަރުވެއްޖެ
2 އަހަރު ކުރިން

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އަވަހާރަވެއްޖެ
2 އަހަރު ކުރިން

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
މަހެއް ކުރިން