logo
ގައުމީ ބީޗު ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް

ގައުމީ ބީޗު ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް

ފަހަތުން އަރައި ދިވެހި ޓީމުން ހޮންކޮންގް ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 15 މޭ 2025 - 16:32

އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025” ގައި ދިވެހި ޓީމު ކުޅުނު ރޭންކިންގް ދެވަނަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ހޮންކޮންގް ބަލިކޮށް ރާއްޖެ އިން މުބާރާތުގެ ހަތްވަނަ ޔަގީކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ކުއާޓާ ފައިނަލުން ބަލިވި ޓީމުތަކުގެ މެދުގައި ކުޅުނު ރޭންކިންގް ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ސައުދީއަރަބިޔާ އަތުން 18-21 އަދި 11-14 ގެ ނަތީޖާއަކުން ދިވެހި ޓީމު ބަލިވެފައިވާއިރު، މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ހޮންކޮންގް އާއި ދިވެހިރާއްޖެ ވާދަކުރި މެޗު 12-18 އަދި 14-20 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހޮންކޮންގް އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް އަށް ލަނޑުގެ ލީޑަކާއެކު 14-22 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހޮންކޮންގް އެވެ. އަދި ދެވަނަ ސެޓުގައި ރާއްޖެ ޓީމުން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް ދިވެހި ޓީމުން ކާމިޔާބުކުރީ ހަތަރު ލަނޑުގެ ލީޑަކާއެކު 17-21 ގެ ނަތީޖާއަކުންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް މެޗު 9-8 ގެ ނަަތީޖާއަކުން މޮޅު ދިވެހި ޓީމުން ވަނީ ބީޗު ހޭންޑްބޯޅައިން ބައިނަލްއަގުވާމީ ފުރަތަަމަ މޮޅު ހޯދާފައެވެ.

ބައިނަލްއަގުވާމީ ބީޗު ހޭންޑްބޯޅަ މުބާރާތެއްގައި މުޅިން އަލަށް ވާދަކުރި ދިވެހި ބީޗު ހޭންޑްބޯޅަ ޓީމުން މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ސައުދީއަރަބިޔާ، ހޮންކޮންގް އަދި އޮމާން އަތުން މޮޅުވި ނަމަވެސް މުބާރާތުގައި މެޗަކަށްފަހު މެޗެއްގައި ދިވެހި ޓީމުން އައީ ކުޅުން ރަނގަޅުކޮށް އިތުބާރު ހޯދަމުންނެވެ.

މީގެ އިތުރުން ގުރޫޕް ސްޓޭޖުގައި ހޯދި ނަތީޖާތަކާއެކު މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި ކުއާޓަ ފައިނަލުން ދިވެހި ޓީމު ޖާގަ ހޯދިއިރު، ކުއާޓާގައި ވަރުގަދަ އީރާނާއި ދެކޮޅަށް ދިވެހި ޓީމުން ވަނީ މޮޅު ކުޅުމެއްދައްކައިދީ އޭޝިޔާގެ އެންމެ ވަރުގަދަ ޓީމުތަކާއެކު ވާދަކުރުމުގެ ފެންވަރު ދިވެހި ކުޅުންތެރިންގެ ހުރިކަން ސާބިތުކޮށްދީފައެވެ.

6 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް އޮމާންގެ މަސްކަޓްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ގައުމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ނުވަ ގައުމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތަކަށްފަހު އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށް ވަނީ ކުއާޓާގެ ފުރުސަތު ލިބިފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay