logo

ދަރިފުޅަށް ދޭ ވަގުތު އިތުރުކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީޤުކުރައްވައިފި

profile

ޝަހްޒާ މުޙައްމަދު - 15 މާރިޗު 2026 - 21:35

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިއްޔެ ތަސްދީޤުކުރައްވައިފިއެވެ.

https://wamco.com.mv/

މި ބިލަކީ، 2026 މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިސްލާހު ގެނައުމުގެ ބޭނުމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި، އެނޫންވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ކަށަވަރުކޮށް އެ ހައްގުތައް ލިއްބައިދޭ މޭރުމުން، ގާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުންކަމަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކުރިން ޤާނޫނުގައިވާ ގޮތުން ވަޒީފާގެ ވަގުތުން ދަރިފުޅަށް ވަގުތު ދެވޭނީ ދަރިފުޅަށް 1 އަހަރުވަންދެނެވެ.

ނަމަވެސް ޤާނޫނަށް ގެނައި އިސްލާހުގައިވާގޮތުން ވިހެއުމަށްފަހު ލިބޭ ޗުއްޓީއަށްފަހު މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ދުވަސް ވަންދެން އެ ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ވަގުތު ދޭން ޖެހޭނެއެވެ. އެގޮތުން، މުސާރައިން ނުކެނޑޭގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެފަހަރު ދޭން ޖެހޭނެކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގައި ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ މުއްދަތަށް އިސްލާހު ގެނައުމަށް ހުށަހެޅިއެވެ. އެގޮތުން، މިހާރު ޤާނޫނުގައި 6 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި ހުރި މުވައްޒަފަކު ވަކިކުރާނަމަ ދެ ހަފުތާގެ މުއްދަތެއް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު އިސްލާހުގައި 1 އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކަށް 2 ހަފުތާގެ ނޯޓިސް ދޭންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ބައެއް ބާވަތްތަކުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންދާގޮތަށްވެސް ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ. މިފަދަ އިސްތިސްނާއެއް ދެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އައު ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ އިތުރުން ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށްކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގެ ދަށުން ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk