logo

ކޮލޮމްބޯ ޕޯޓުގައި ތާށިވެފައިހުރި މުދާތައް އެމްޕީއެލް އިން ކްލިއަރ ކޮށްފި

profile

މުޙައްމަދު ފަޟްލޫން - 04 ޖޫން 2026 - 18:02

މި އަހަރުގެ ކުރީކޮޅުން ފެށިގެން ކޮލޮމްބޯ ޕޯޓުން މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރ ގެނައުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް މިހާރު ވަނީ އަމަލީ ހައްލެއް ލިބިފައެވެ.

https://wamco.com.mv/

މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމުގެ މަސައްކަތް ލަސްވެ، ކޮލޮމްބޯ މަގުން މުދާ ގެނައުމަށް ހުރަސްތަކެއް ކުރިމަތިވީ، މި އަހަރުގެ ފެށުމާއެކު ރާއްޖެއަށް އަންނަ މުދާ އުފުލާ ބޯޓުތަކުގެ އަދަދު ނިސްބަތުން އިތުރުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ބައެއް އުޅަނދުފަހަރުން ކުރިން ގެންނަ މިންވަރަށްވުރެ ގިނަ އަދަދަކަށް ކޮންޓޭނަރު އުފުލުމުގެ ސަބަބުން، ބަނދަރުގައި މުދާ ހުސްކުރުމަށް ހޭދަވާ ވަގުތު އިތުރުވެގެންދިޔައެވެ.

ބަނދަރުގެ ޖާގައިގެ ދަތިކަމާއެކު، އުފެދުނު ބޮޑު ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހުނު ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުން ކުރި ހިންމަތްތެރި މަސައްކަތުން، މިދިޔަ އޭޕްރީލް މަހުން ފެށިގެން ކޮލޮމްބޯ ޕޯޓުގައި ނުގެނެވި ތާށިވެފައި ހުރި 4،000 އަށްވުރެ ގިނަ ޓީ.އީ.ޔޫ (ކޮންޓޭނަރ) މިހާރު ވަނީ ރާއްޖެއަށް ގެނެސް ނިންމާފައެވެ.

މިއާއެކު، މާލޭ ބަނދަރާއި ކޮލޮމްބޯ ޕޯޓާ ދެމެދު ދަތުރުކުރާ އުޅަނދުފަހަރުގެ ޝެޑިއުލްތައް މިހާރު ވަނީ އާންމު ހާލަތަކަށް ރުޖޫޢަވެފައެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށާއި، މި ވަގުތަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އެމްޕީއެލް އިން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން، ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ ތެރެއިން 100 މީޓަރުގެ ކީވޯލާއި އެ ސަރަހައްދުގެ ޕޭވިންގ މަސައްކަތްތައް ފުރިހަމަކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk