logo

މިލަންދޫ އެއާޕޯޓައް ބޭނުންވާ ބިން ހިއްކައިފި

profile

ރިޟްވާން މޫސާ - 05 މޭ 2026 - 08:09

ށ. މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

https://wamco.com.mv/

މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އެޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.

މިލަންދޫގެ ބިން ހިއްކުމުގެ މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ޙަވާލުކޮށްގެންނެވެ.

މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވެވި ޕޯސްޓުގައި ބުނެފައި ވަނީ މިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 4 ވަނަ ދުވަހު ނިންމާލާފައިވާކަމަށެވެ.

މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 31 ދުވަހުގެ ތެރޭގައި 21 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މި 21 ހެކްޓަރުގެ އިތުރުން ރުއްގަސް ނެގުމަށްފަހު އިތުރުވާ 4.9 ހެކްޓަރުގެ ބިން ހިމެނޭހެން މުޅި މަޝްރޫޢުގެ ބޮޑުމިނަކީ 25.90 ހެކްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

މިލަންދޫގެ ބިން ހިއްކުމުގެ މި މަސައްކަތަކީ ރައީސުލް ޖުމްހޫރިއްޔާ މިލަންދު އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދެކެވެ. އަދި މިމަސައްކަތް މިދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، އެއާޕޯޓު އަޅާނެ ތަނާއި، މެދުރާސްތާއާއި ދުރުރާސްތާގައިވެސް ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުން ހިފޭނެ ގޮތަށް ބަލައިގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އަދި އެއާޕޯޓު އެޅުމަށްޓަކައި ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހެއެވެ. އެހެންކަމުން އެއާޕޯޓު މަޝްރޫޢު ޑިޒައިންކޮށް ކުރިއަށް ގެންދާއިރު، ރަށުގެ އެހެން ސަރަޙައްދަކުން ބަނދަރަށް ބޭނުންވާ ޖާގަ ހަމަޖެހި އެމަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk