
އިހުތިޖާޖުތަކުގައި ދައްކަނީ ދައްކަން ޖެހޭ ވާހަކަ: މައުރޫފް

ރިޟްވާން މޫސާ - 05 މޭ 2026 - 08:41
އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުންދާ އިހުތިޖާޖުތައް ހުއްޓުވުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ ބޮޑު ”ޖޯކެއް“ ކަމަށް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ކަމަށް ބުނެ، އެކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލައި ޕީއެންސީ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފަ އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ގަރާރުގައި ވަނީ، ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެއްލި، މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް އިންތިހާއަށް ދަތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ވަކި ޕާޓީއެއްގެ ނަން ގަރާރުގައި ބަޔާންކޮށްފައި ނުވި ނަމަވެސް، މިދުވަސްވަރު މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދަނީ އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިންނެވެ. ހާއްސަކޮށް ޕީއެންއެފްގެ ހަރަކާތްތައް އިޖްތިމާއީ މިންގަނޑުން ބޭރުވުމުގެ ސަބަބުން، އެއްވުންތައް ލައިވް ބްރޯޑްކާސްޓު ކުރުން ވެސް ވަނީ ހުއްޓުވާފަ އެވެ.
މި ގަރާރުގެ ބަހުސްގައި މައުރޫފް ވިދާޅުވީ، ޕީއެންސީ ހުށަހަޅާފައިވާ ގަރާރަކީ ގާނޫނުއަސާސީއާ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް، ބައެއް ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ނަމުގައި ހުށަހެޅި ގަރާރެއް ކަމަށެވެ.
ސިޔާސީ ހަރަކާތްތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ޕީއެންސީ ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، މި ރާއްޖެއިން އުވާލައި ނައްތާލަން ޖެހިފައި ވަނީ ޕީއެންސީކަމަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ގެސްޓްހައުސް އިންޑަސްޓްރީއާއި ފަތުރުވެރިކަމުގެ ދާއިރާގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް ދަނޑިވަޅެއްގައި، އެކަންކަމަށް ބަހުސް ކުރުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތަކަށް ބިރުދެއްކުމަށް ކަމަށެވެ.
އަދި އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށާއި، އެކަން ހުއްޓުވުމަށް ޕީއެންސީން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ވަރަށް ގިނަ ޝަކުވާ ލިބޭ: އާސަންދަ ސީއީއޯ
2 ގަޑިއިރު ކުރިން
ފަސްޓްލޭޑީ، ލަންކާގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
2 ގަޑިއިރު ކުރިން
މިލަންދޫ އެއާޕޯޓައް ބޭނުންވާ ބިން ހިއްކައިފި
2 ގަޑިއިރު ކުރިން

މިދިޔަ އަހަރު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރު
2 ގަޑިއިރު ކުރިން


.gif&w=3840&q=75)