logo

އިންޑިޔާގެ ކޮލިޓީ ދަށް ބޭސްތަކެއް: ސަމާލުވުމަށް އެދިއްޖެ

profile

އައިޝަތު އިނާޝާ - 02 އޮކްޓޯބަރު 2024 - 18:18

ބޭސްފިހާރައެއް

ބޭސްފިހާރައެއް

އިންޑިއާގެ 16 ބޭހެއްގެ ކޮލިޓީ ދަށްވުމުގެ މައްސަލަތަކެއް ދިމާވުމާ ގުޅިގެން އެ ގައުމުގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްކޯ) އިން ނެރެފައިވާ އެލާޓާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

އެމްއެފްޑީއޭއިން ބުނީ، ސީޑީއެސްސީއޯގެ މި އެލާޓާއި ގުޅިގެން ރާއްޖޭގެ މާރކެޓްގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި މި ބޭސްތައް ހިމެނޭތޯ ބެލުމަށް، އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއްކޮށް، މާރކެޓް އިވެލުއޭޝަނެެއް ހަދާފައިވާ ކަަމަށެވެ. އަދި ބެލި ބެލުމުން، އެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއް ގެ އެއްވެސް ބެޗެއް ބޭސް އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އެތެރެވެފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާ އަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެ ކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

ކޮލިޓީ ދަށްވުމުގެ މައްސަލަތައް ދިމާވި ބޭސް ތައް:

- ޕުލްމޮސިލް

- ޕެންޓޮސިޑް

- އާސޮކޮލް 300

- ތެލްމާ އެޗް

- ޑެފްލަޒަކޯޓް ޓެބްލެޓްސް

- ޕެޒިވާ-40

- ޕެންޓޯމްޑް-40

- ސެފިކްސައިމް އޯރަލް ސަސްޕެންޝަން އައިޕީ

- މޮކްސީމެޑް ސީވީ

- ފްރުސެމީޑް އިންޖެކްޝަން އައިޕީ 20 އެމްޖީ

- ކުދަޖަރިޝްތަމް

- ޓެބް ނޮޑޮސިސް

- ހަރިދްރަޚަންދަމް

- ޕެންޓަޕްރޮޒޯލް އިންޖެކްޝަން ބީޕީ 40 އެމްޖީ

- ޔޯގާރާޖާ ގުއްގުލު

- ޕެންސެފް-އޯއެފް

ރާއްޖެއަށް މިފަދަ ކޮލިޓީ ދަށް ބޭސް އެތެރެވިޔަ ނުދިނުމަށްޓަކައި ރާއްޖެއަށް އިމްޕޯޓު ކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

https://int.etukuri.mv/
tel:+9607331319