logo

އޭއައިގެ ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ އިދާރާއެއް އުފައްދަން ގޮވާލައިފި

profile

މުޙައްމަދު ފަޟްލޫން - 22 ސެޕްޓެމްބަރު 2026 - 11:30

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ އިންސާނުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ދެމިއޮންނަ އެއްޗެއްކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގްވާމީ ފެންވަރުގައި މިންގަނޑުތައް ކަނޑައަޅައި ބަލަހައްޓާނެ ހާއްސަ އިދާރާއެއް އުފެއްދުމަށް ދުނިޔޭގެ 20 ޤައުމަކާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފިއެވެ.

https://wamco.com.mv/

ފިންލޭންޑްގެ ރައީސް އެލެގްޒެންޑަރ ސްޓަބްގެ އޮފީހުން އިސްނަގައިގެން ހޯމަ ދުވަހު އާންމުކުރި މި ބަޔާނުގައި ޖަރުމަނުވިލާތް، ދެކުނު އެފްރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސިންގަޕޫރު ފަދަ ގައުމުތައް ހިމެނެއެވެ.

މި ގަރާރުގައި ގޮވާލާފައިވަނީ، އޭއައި ޓެކްނޮލޮޖީ ތަރައްޤީކުރަންވާނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިންސާނުންގެ ބެލުމުގެ ދަށުންކަން ކަށަވަރުކުރުމަށް ސަރުކާރުތަކުންނާއި ޓެކްނޮލޮޖީގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށެވެ.

މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭއައިގެ ސަބަބުން ލިބޭ ފައިދާތައް ޤައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ބެހިގެންދާކަން ކަށަވަރުކޮށް، އޭގެ ނުރައްކާތައް ކުޑަކުރުމަށްޓަކައި ބެލެހެއްޓުންތެރިކަން މިހާރަށްވުރެ ވަރުގަދަކުރަން ޖެހެއެވެ. އަދި އޭއައިއާ ގުޅޭ ސަލާމަތީ މިންގަނޑުތައް އެކުލަވައިލުމަށާއި، މި ދާއިރާއިން ދިމާވާ ސީރިއަސް ހާދިސާތަކުގެ މަޢުލޫމާތު ޤައުމުތަކުގެ މެދުގައި ހިއްސާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުއައްސަސާއެއް ޤާއިމުކުރުމުގެ މުހިންމުކަން ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގައި އޭއައިގެ ދާއިރާއިން އެންމެ ކުރީގައި އުޅޭ ދެ ޤައުމު ކަމަށްވާ އެމެރިކާ އާއި ޗައިނާއިން މި ބަޔާނުގައި އަދި ބައިވެރިވެފައެއް ނުވެއެވެ.

މީގެއިތުރުން އިންޑިއާ، ދެކުނު ކޮރެއާ، ޖަޕާން، އިނގިރޭސިވިލާތް އަދި ފްރާންސް ފަދަ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޤައުމުތައްވެސް އަދި މި ޤަރާރުގައި ސޮއިކޮށްފައެއް ނުވެއެވެ.

ނަމަވެސް، މި އިސްނެގުމުގައި ބައިވެރިވެ، އޭއައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކާ ގުޅުމުގެ ފުރުސަތު އެހެން ހުރިހާ ގައުމުތަކަށްވެސް އަދިވެސް ހުޅުވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319