logo

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

profile

އާމިނަތު ޝަޒްލާ - 22 ސެޕްޓެމްބަރު 2026 - 12:57

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކޮށް، އަދި މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފިއެވެ.

https://wamco.com.mv/

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މާދަމާއަށް ތާވަލުކުރި މި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ ދައުލަތުގެ ފަރާތުން އެދިގެންނެވެ. ދައުލަތުން އެގޮތަށް އެދިފައިވަނީ މި މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ދައުލަތުގެ ވަކީލުން ބަލިވެ އުޅުއްވާތީ ކަމަށް ވެސް އެ ކޯޓުން މައުލޫމާތު ދެއެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ދައުވާގައި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ވަނީ އެއްކޮށް ނިމިފައެވެ. ޝަރީއަތް މިހާރު އޮތީ ހެކިންނާ ބެހޭ ގޮތުން ދެފަރާތުން ވާހަކަދެއްކުމުގެ މަރުހަލާގައެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ ޝަރީއަތުގެ އަޑުއެހުންތައް މެދުކެނޑި، މި މަރުހަލާގައި މައްސަލަ އޮންނަތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

ފުއްގިރި މައްސަލައިގެ އިތުރުން، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ރައީސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވެއެވެ. އެ މައްސަލައިގައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ހުކުމް ކުރިއެވެ. ނަމަވެސް، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލުކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ވެސް އަންނަ ހަފުތާއަށް ވަނީ ތާވަލުކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން އެމަނިކުފާނުގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލީ ގއ. ވޮޑަމުލާ މައްސަލައިގައެވެ. އެ މައްސަލައިގައި އިއްވި 5 އަހަރުގެ ޖަލު ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ފަހުން ބާތިލުކޮށް، އެމަނިކުފާނު މިނިވަންކޮށްފައެވެ. ރައީސް ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަކީ ވެސް ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319