logo

ފަލާހްގެ އަތުން އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަ އެމްޑަބްލިޔުއެސްސީން ދޮގުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 23 އޯގަސްޓު 2026 - 12:12

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙުގެ އަތުން ބޮޑު އަގުގައި އުޅަނދެއް ގަނެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެންބަރު ފަލާޙުގެ އަތުން އެ ކުންފުންޏަށް އުޅަނދެއް ގަތް ކަމަށް ބުނެ ދައުރުކުރަމުންދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ ބޭނުމުގައި ފަތުރަމުންދާ ކަނޑައެޅިގެން ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ.

2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެފަދަ އެއްވެސް މުޢާމަލާތެއް ނުވަތަ ވިޔަފާރިއެއް އެ ކުންފުނިން ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ފަހުމީ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، އެފަދަ މުއާމަލާތެއް ހިންގުމަށް އެމްޑަބްލިޔުއެސްސީގެ ބޯޑުން އެއްވެސް ހުއްދައެއް ދީފައި ނުވާނެ ކަމަށާއި، އަދި އެއްވެސް ފަރާތަކާއެކު އެފަދަ ކަމަކާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ވެސް ކުރެވިފައި ނުވާނެއެވެ.

މީގެއިތުރުން، މި މުއާމަލާތާ ގުޅިގެން ކުންފުނީގެ ބޯޑު މެންބަރަކު އިސްތިއުފާ ދެއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވަމުން ފަހުމީ ވިދާޅުވީ، އެ ބޭފުޅާ މަގާމުން އިސްތިއުފާ ދެއްވީ މުޅިން އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ.

ފަހުމީ މިހެން ވިދާޅުވީ، ބާޒާރުގެ އަގު ގާތްގަނޑަކަށް ނުވަ ލައްކަ ރުފިޔާއަށް އަރާ ބާ ލޭންޑިންގ ކްރާފްޓެއް، 17 މިލިއަން ރުފިޔާއަށް މެންބަރު ފަލާހްގެ އަތުން އެމްޑަބްލިޔުއެސްސީން ގަނެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އަދި އެ އުޅަނދު މަރާމާތު ކުރުމަށް އިތުރު 1.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، ދެވަނަ އުޅަނދެއް ގަތުމަށް ކުރެވުނު މަސައްކަތުގައި ސޮއިކުރެއްވުމަށް ދެކޮޅު ހެއްދެވުމަށްފަހު ބޯޑު މެންބަރު އުމަރު ހުސައިން އިސްތިއުފާ ދެއްވި ކަމަށްވެސް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ފަހުމީ ވިދާޅުވީ، މިއީ ނުހަނު ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެއްވެސް އަސާސެއް އަދި އިތުބާރު ހުރި ހެއްކެއް ނެތި މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން، އެމްޑަބްލިޔުއެސްސީގެ ހުރިހާ މުޢާމަލާތްތަކެއްވެސް އަބަދުވެސް ކުރިއަށްދާނީ ޤާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން، ދެފުށް ފެންނަ އަދި ޒިންމާދާރު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

https://wamco.com.mv/
tel:+9607331319