logo

ކަސްޓަމްސް އިން 3.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

profile

މުޙައްމަދު ފަޟްލޫން - 23 އޯގަސްޓު 2026 - 12:14

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

https://wamco.com.mv/

ކަސްޓަމްސްއިން މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވައިގެ މަގުން ގެނައި އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރެއިންނެވެ.

މި ޝިޕްމަންޓް ބަލައިފާސްކުރީ އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެންނެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި 3.8 ކިލޯ ހުއްޓެވެ.

ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން އެ ތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ނަމަވެސް، މި ތަކެތީގެ މަގުމަތީ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ.

ކެނަބިސްއަކީ ފަހަކަށް އައިސް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ބާވަތެކެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގެ ގޮތުން ކަސްޓަމްސްއިން އަންނަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރާއި މުދާ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބަލައިފާސްކުރުމުގެ މަސައްކަތް ވަނީ އިތުރަށް ފުޅާކޮށްފައެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ މުއައްސަސާތައް ގުޅިގެން މެދުކެނޑުމެއްނެތި ހާއްސަ އޮޕަރޭޝަންތައް ވެސް ދަނީ ހިންގަމުންނެވެ.

https://wamco.com.mv/
tel:+9607331319