
ދިވެހިންނަށް ލިބުނު އިސްލާމީ ޙިދާޔަތަކީ ދެ ދުނިޔޭގެ ޙަޔާތަށް މާތްﷲ ދެއްވި ރަޙުމަތެއް: ރައީސް

އާމިނަތު ޝަޒްލާ - 13 ސެޕްޓެމްބަރު 2026 - 08:44
ދިވެހިންނަށް ލިބުނު އިސްލާމީ ޙިދާޔަތަކީ ދެ ދުނިޔޭގެ ޙަޔާތަށް މާތްﷲ ދެއްވި ރަޙުމަތެއްކަމަށާއި، ބާތިލު ޝިރުކުގެ ބޯ ޖަންގަލިން ނެރެ، އިންސާނީ ވަންތަކަމުގެ ޙުރުމަތް ދިނީ މި ދީންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަަށް ބޭއްވި ރަސްމީ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިން ޤައުމީ ދިފާޢުގައި ތެދުވި ކޮންމެ ފަހަރަކުވެސް އެކަމުގެ އަސްލަކަށް ވެފައިވަނީ ދީން ޙިމާޔަތްކުރުމުގެ މަތިވެރި ރޫޙު ކަމަށާއި، ދިވެހި އުންމަތަށް ލިބިފައިވާ އެންމެ ވަރުގަދަ އައްޑަނައަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ދިވެހިންނަށް މިންވަރުކުރެއްވި މަތިވެރި އިސްލާމީ ޙިދާޔަތަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މާތްﷲ ދެއްވި މަތިވެރި ރަޙްމަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ބާތިލު ޝިރުކުގެ އަނދިރިކަމުން އަޅުގަނޑުމެން ސަލާމަތްކޮށް، އިންސާނީ ކަރާމާތާއި ޙުރުމަތް ކަށަވަރުކޮށްދިނީ މި މާތް ދީނުން ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މީގެއިތުރުން، މި ޙިދާޔަތުގެ ޙަޤީޤީ ފިލާވަޅު ލިބިގަތުމަށްޓަކައި، މީގެ 900 އަހަރު ކުރިން ރާއްޖެ އިސްލާމްވުމުގެ ކުރިން އޮތް ޙާލަތާއި، މި މަތިވެރި ދީނުގެ ސަބަބުން ޤައުމަށް އައި ހެޔޮ ބަދަލުތަކާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމީ ޝަރީޢަތުން ކޮންމެ އިންސާނަކަށް ކަށަވަރުކޮށްދޭ ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދީނާއި، ފުރާނައާއި، ބުއްދިއާއި، އަބުރާއި، މުދާ ރައްކާތެރިކުރުމަކީ މި ދީނުގެ މައިގަނޑު އަސާސްތައް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤްޞަދު ޙާޞިލުވާނޭހެން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ބައްޓަންކޮށްފިނަމަ، މުޖުތަމަޢުގައި އުފެދިގެންދާނީ އެކަކު އަނެކަކަށް އިޙްތިރާމްކުރާ، ހިތްހެޔޮ އަޚުވަންތަ ބައެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއީ އެކަކުގެ އިޙްސާސްތަކާއި ޤުރުބާނީތައް އަނެކަކު ދަންނަ، ވިސްނުންތޫނު، ދުރުވިސްނޭ، ޢިލްމުވެރިކަމާއި ޙިލްމުވެރިކަމުގެ ސިފަތަކުން ޒީނަތްތެރިވެފައިވާ ތަހުޒީބު މުޖުތަމަޢަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިފަދަ ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި ބިނާވާ މުޖުތަމަޢެއް އޮންނަ ޤައުމެއް އަބަދުވެސް އޮންނާނީ ފާގަތިކަމާއި ހޭލުންތެރިކަންމަތީގައެވެ. އަދި ރައްޔިތުންގެ ޢިލްމާއި، ހިންމަތާއި، ކުރާ ދުޢާތަކާއި، މާތްﷲ ގެ ވާގިފުޅާއެކު އެފަދަ ދައުލަތެއް ވެގެންދާނީ ނުހަނު ރައްކާތެރި، ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ޤައުމީ މިނިވަންކަމުގެ ދިދަ ފަޚުރުވެރިކަމާއެކު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ފަޚުރުވެރި ދައުލަތަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އިޖުތިމާއީ ފަސާދައިގެ ހުރިހައި ކަމަކުން އެއްކިބާވެ ތިބެންޖެހޭ: ރައީސް
8 ގަޑިއިރު ކުރިން

އަޅުގަނޑު އެދެނީ ދިވެހިން އިސްލާމްދީނަށް ތެދުވެރި ބައެއްގެ ގޮތުގައި ތިބުން: ރައީސް މައުމޫން
11 ގަޑިއިރު ކުރިން

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދެނީ
11 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
14 ގަޑިއިރު ކުރިން


