
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

އާމިނަތު ޝަޒްލާ - 13 ސެޕްޓެމްބަރު 2026 - 06:55
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" މިއަދު ފަށައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޚާއްޞަ މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވެއެވެ. އިސްލާމީ ވުޒާރާއިން ބުނީ، މިއީ މުސްތަޤުބަލުގެ ޖީލުތަކަށް އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާން ޚަޠީބުންނަށް ހިތްވަރުދީ، އެ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މަހާސިންތާއެއް ކަމަށެވެ.
ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް، ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތްކުރުމަށް މި ސަރުކާރުން ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައެވެ. އެގޮތުން، ރަށްރަށުގައި ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، ޒުވާނުންނަށް މި ދާއިރާއިން ފުރުޞަތު ފަހިކޮށްދިނުމަށް ފެށި "ޒުވާން ޚަޠީބު ޕްރޮގްރާމް" އަކީ މި ދައުރުގައި ކުރިއަށްގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ 5 ބުރެއް މިހާތަނަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށްފައެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ އައުގާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒުވާން ހަތީބުން ތިޔަ އިހްތިޔާރު ކުރީ ވަރަށް ރަނގަޅު އަދި މަތިވެރި މަގެއް ކަމަށާއި، އެއީ ނަބީބޭކަލުންގެ މަސްހޫލިއްޔަތުގެ ތެރެއިން ވަރުތަވެފައިވާ ކަމެއް ކަމަށެވެ.
ވަޒީރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ހަތީބުން ހާސިލްކޮށްތިބި ޚުތުބާ ކިޔުމުގެ ހުއްދަޔަކީ ފައުންޑޭޝަނެއް ކަމުގައި ބަލަންޖެހޭނެ ކަމަށާއި، އިލްމީގޮތުން އިތުރު ކުރިއެރުމާއި އިތުރު ކާމިޔާބީ ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޒުވާން ޚަޠީބުންގެ ތަމްރީން ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނަށާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށެވެ. މީގެއިތުރުން، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރަމުންދާ ޢުމުރުން 30 އަހަރު ނުފުރޭ ޒުވާނުންނަށް ވެސް މި މަހާސިންތާގައި ވަނީ ފުރުޞަތު ދީފައެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ސްކޫލްތަކުގެ ގްރޭޑް 10، 11 އަދި 12 ގައި ކިޔަވަމުންދާ ދަރިވަރުންނާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް ޚާއްޞަކޮށްގެން، ދީނީ ކަންކަމަށް ޒުވާނުންގެ ހިތްތަކުގައި ލޯބި ޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ޤައުމީ މަސައްކަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

އިޖުތިމާއީ ފަސާދައިގެ ހުރިހައި ކަމަކުން އެއްކިބާވެ ތިބެންޖެހޭ: ރައީސް
9 ގަޑިއިރު ކުރިން

އަޅުގަނޑު އެދެނީ ދިވެހިން އިސްލާމްދީނަށް ތެދުވެރި ބައެއްގެ ގޮތުގައި ތިބުން: ރައީސް މައުމޫން
11 ގަޑިއިރު ކުރިން

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދެނީ
11 ގަޑިއިރު ކުރިން

ދިވެހިންނަށް ލިބުނު އިސްލާމީ ޙިދާޔަތަކީ ދެ ދުނިޔޭގެ ޙަޔާތަށް މާތްﷲ ދެއްވި ރަޙުމަތެއް: ރައީސް
12 ގަޑިއިރު ކުރިން


