logo

ޔޫއޭއީގެ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

profile

ޝަހްޒާ މުޙައްމަދު - 01 މާރިޗު 2026 - 17:08

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝައިޚް ރާހިދު ބިން އަބްދުލްރަހްމާން އާލް މަކްތޫމް، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ވަނީ ޔޫއޭއީގެ ސަފީރުގެ ދައުރުގައި ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ. ވަކިވަކިން ބޭއްވުނު މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ސަފީރު ޝައިޚް ރާހިދު ބިން އަބްދުލްރަހްމާން އާލް މަކްތޫމް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަމާއި ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ފޮރިން މިނިސްޓަރ ވަނީ ސަފީރަށް ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ޔޫއޭއީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އާ ސަފީރާއެކުވެސް މި ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk