
ފޮރިން މިނިސްޓަރު ޚަލީލް، ޤަތަރުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

ޝަހްޒާ މުޙައްމަދު - 06 ނޮވެމްބަރު 2025 - 12:21
ފޮރިން މިނިސްޓަރު ޑރ.ޢަބްދުالله ޚަލީލް، ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަދި ކެބިނެޓް ވަޒީރު ސުލްޠާން ބިން ސާދު ބިން ސުލްޠާން އަލް މުރައިކީ އާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވުނު މި ބައްދަލުވުމުގައި، ފޮރިންމިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް، ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒަށް މަރްޙަބާ ދަންނަވައި، ދިވެހިރާއްޖޭއަށް ޤަތަރުގެ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރުއަދާ ކުރެއްވިއެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި ޤަޠަރާއި ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ވަނީ ބައިނަލްއަޤްވާމީ މަޝްރަހުގައި އަދި ވަކީން ހާއްސަކޮށް ޢައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޤަތަރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން ހާމަކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ ދިވެހިރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ޒަމާންވީގުޅުން ރަމްޒުކޮށްދޭ، އަދި މި ގުޅުން ދަމަހައްޓަން ދެ ޤައުމުންވެސް ދެއްވާ އަހައްމިޔަތު ހާމަވެގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު ލަޔާނާ އިހުސާން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އަލްބޭނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ، ފޮރިން މިނިސްޓަރު ފޮނުއްވައިފި
8 ދުވަސް ކުރިން

ފޮރިން މިނިސްޓަރު ބެލްޖިއަމް އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
14 ދުވަސް ކުރިން

ޤަތަރުގެ ފޮރިން މިނިސްޓަރ އޮފް ސްޓޭޓް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
މަހެއް ކުރިން

ޤަޠަރުގެ ޚާރިޖީ ވަޒީރު ރައީސްގެ އަރިއަހަށް އިހްތިރާމުގެ ޒިޔާރަތެއްކުރައްވައިފި
މަހެއް ކުރިން


