logo
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

އާރުވެރި މެޗިންގް ގްރާންޓާ ގުޅޭ މަޢުލޫމާތު ސެޝަނެއް ކުޅުދުއްފުށީގައި ބާއްވަނީ

profile

އާމިނަތު ޝަޒްލާ - 15 އޮކްޓޯބަރު 2026 - 12:20

މަސްވެރިކަމާއި މެރިކަލްޗަރ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ސަރުކާރުން ހުޅުވާލާފައިވާ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން، މި ސެޝަނަކީ މަސްވެރިކަމާއި މެރިކަލްޗަރ ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސެޝަނެކެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:30 އިން 10:00 އަށް، ކުޅުދުއްފުށީ އެން.އޯ.ސީ (ފުނަވަލު މާލަން) ގައެވެ.

މި ސެޝަންގައި މަޢުލޫމާތު ދެއްވާނީ މި މަޝްރޫޢުގެ ޓްރާންސްފޯމް ޕްރޮޖެކްޓްގެ މުވައްޒަފުން ކަމުގައިވާ ކޮމިއުނިކޭޝަންސް ކޯޑިނޭޓަރ މިފްޒާލް މުޙައްމަދު އަދި ބަޔޯސެކިއުރިޓީ ސްޕެޝަލިސްޓް މުޙައްމަދު ނަޝްވާން އިސްމާޢީލެވެ. މި ސެޝަންގެ މައިގަނޑު ބޭނުމަކީ މި ގްރާންޓަށް އެދި ހުށަހެޅުމުގެ ޝަރުޠުތަކާއި، ގްރާންޓް ލިބޭނެ ދާއިރާތަކާއި، އެޕްލިކޭޝަން ފުރިހަމަކުރާނެ ގޮތްތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމެވެ.

މި ސްކީމާ ގުޅޭ އެންމެހައި މަޢުލޫމާތާއި، އެހީ ދޫކުރެވޭ ދާއިރާތަކުގެ ތަފްޞީލު ބައްލަވައިލެއްވުމަށާއި، ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅުއްވުމަށްޓަކައި ޚާއްޞަ ޕޯޓަލް (http://aaruveri.fishagriocean.gov.mv) މެދުވެރިކޮށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، މެރިކަލްޗަރ ފަދަ އައު ދާއިރާތައް ފުޅާކުރުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "އާރުވެރި" ޕްރޮގްރާމަކީ މި ދާއިރާއިން ވިޔަފާރިވެރިންނާއި މަސްވެރިން ބާރުވެރިކުރުވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މަސްވެރިކަމާއި ކަނޑުފަޅުގެ ވަސީލަތްތަކުން ނަފާ ހޯދުމަށް ޝައުޤުވެރިވާ ވީހާވެސް ގިނަ ފަރާތްތަކަކުން މި ސެޝަންގައި ބައިވެރިވެ، ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް އެދިފައެވެ.

https://wamco.com.mv/
tel:+9607331319