logo

ސީޑީއާރްއައިގެ ވަފުދެއް ރާއްޖެއަށް: އުމްރާނީ ތަރައްގީއާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް!

profile

އާމިނަތު ޝަޒްލާ - 22 ސެޕްޓެމްބަރު 2026 - 11:29

ކޯލިޝަން ފޯ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީޑީއާރްއައި) ގެ މަތީ ފެންވަރުގެ ވަފުދެއް ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ފަށައިފިއެވެ. މި މަހުގެ 21 އިން 24 އަށް ކުރިއަށްދާ މި ޒިޔާރަތަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

https://wamco.com.mv/

މި ޒިޔާރަތުގެ ތެރެއިން، ސީޑީއާރްއައިގެ އެހީތެރިކަމާއެކު ރާއްޖޭގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ކުރިއެރުމާއި، ހާސިލުވެފައިވާ މުހިންމު ކާމިޔާބީތަކާ ގުޅޭގޮތުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވަނީ މި ވަފުދުގެ އިސްވެރިންނާ ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އެންޑީއެމްއޭ އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ކާރިސީ ނުރައްކާތައް ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ.

މި ދަތުރުފުޅުގައި ސީޑީއާރްއައިގެ ވަފުދުން ދިވެހި ސަރުކާރުގެ މުހިންމު ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން، ތަރައްގީގެ އެކި މަޝްރޫއުތަކާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ކާރިސާތަކާއި މޫސުމީ ލޮޅުންތަކަށް ތަހައްމަލުކުރެވޭ ފަދަ ވަރުގަދަ އުމްރާނީ ތަރައްގީއެއް ބިނާކުރުމަށާއި، ގުދުރަތީ ނުރައްކާތަކަށް ރިއާޔަތްކޮށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ތަރައްގީގެ މަޝްރޫއުތައް ރޭވުމުގެ މައްޗަށެވެ. މީގެއިތުރުން، ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި ކުއްލި ހާލަތްތަކުގައި ބޭނުންވާ މާލީ އެހީތެރިކަން (ޑިޒާސްޓަރ ރިސްކް ފައިނޭންސިންގ) އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެވެ.

ދިވެހިރާއްޖެއަކީ ބިންތިރި ޖަޒީރާ ގައުމަކަށް ވުމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއް ގައުމެވެ. އުދައެރުމާއި، ތޫފާންތަކުގެ އަސަރު ފަދަ ކަންކަމުގެ ސަބަބުން ރަށްރަށުގެ ބަނދަރުތަކަށާއި، މަގުތަކަށާއި، ބޯހިޔާވަހިކަމުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެހެންކަމުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ސިޔާސަތަކީ ރާއްޖޭގައި ކުރިއަށްގެންދެވޭ ކޮންމެ އުމްރާނީ މަޝްރޫއަކީ މޫސުމީ ކާރިސާތަކަށް ދިފާއުވެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ދެމެހެއްޓެނިވި މަޝްރޫއުތަކަކަށް ހެދުމެވެ.

ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީޑީއާރްއައި) އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ކާރިސާތަކަށް ތަހައްމަލުކުރެވޭނެ ފަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް އެހީތެރިވެދިނުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ އިއްތިހާދެކެވެ. މި އިއްތިހާދާއެކު ރާއްޖެއިން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ކުރިމަތިވެދާނެ ކާރިސާއަކުން ރައްޔިތުންނާއި ގައުމުގެ މުދާ ސަލާމަތްކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ދަނީ އިތުރުވަމުންނެވެ.

އެން.ޑީ.އެމް.އޭ އިން ހާމަކުރި ގޮތުގައި މި ދަތުރުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ވިލުންވެރި (ރެޒިލިއަންޓް) ގޮތެއްގައި ބައްޓަންކުރުމަށް ސީ.ޑީ.އާރް.އައި އާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319