
ނީލަމުގައި ވިއްކާލީ ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫން، : ތަރުޖަމާނު

މުޙައްމަދު ފަޟްލޫން - 23 އޯގަސްޓު 2026 - 11:07
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކާލި ކަމަށް ބުނެ މީޑިއާތަކާއި މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސް އަކު ދުވަހަކުވެސް ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދައުރުވަމުންދާ ފޮޓޯގައިވާ މޭޒު ނީލަން ކިޔާފައިވަނީ ކަތުރުފަނި އަޅައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވުމުން، ދައުލަތުގެ މުދާ ނީލަން ކިޔުމަށް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރައީސް އޮފީހުން ނީލަން ކިޔާ އެއްވެސް ފަރުނީޗަރެއްގައި ދައުލަތުގެ ނިޝާން ހަރުކޮށްފައިވާނަމަ، ނީލަމަށް ލަނީ އެ ނިޝާން ނައްޓައިލުމަށްފަހުގައި ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ހަބަރުތަކުގައިވާ މޭޒަށް ކޮންމެވެސް ފަރާތަކުން ބަދަލުތަކެއް ގެނެސް، އެއީ ކުރީގެ ރައީސުން ބޭނުންފުޅުކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދެއްކުމަށް މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެެ.
އެހެންކަމުން، މިފަދަ ހަބަރުތައް ޝާއިޢުކުރުމުގެ ކުރިން ކަމާބެހޭ ރަސްމީ އިދާރާތަކުން މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ހަގީގަތާއި ހިލާފަށް އަދި ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.






