
ޤައުމީ ފެންވަރުގެ އިންޖިނިއަރުން ބިނާކުރަން އެސްޓީއޯއިން އިސްނަގައިފި

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 10:56
ދިވެހިރާއްޖޭގެ ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން، އިންޖިނިއަރިންގ ދާއިރާއިން ދިވެހިން ބިނާކޮށް ތަމްރީނުކުރުމުގެ މަޤްޞަދުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޚާއްޞަ ދެ ސްކޮލާޝިޕެއް މިއަދު އިޢުލާނުކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމަށް އެސްޓީއޯއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ސްކޮލާޝިޕްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ.
އެސްޓީއޯއިން ހުޅުވާލި މި ފުރުޞަތުތަކަކީ ކޮންކްރީޓް ޓެކްނޮލޮޖީ އަދި އެލެވޭޓަރ އިންސްޓޯލޭޝަންގެ ދާއިރާއިން ޚާއްޞަވުމަށް ދެވޭ ދެ ސްކޮލާޝިޕެވެ.
މީގެ ތެރެއިން ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ފުރުޞަތަކީ، އިންޖިނިއަރިންގ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ދެވަނަ ފުރުޞަތަކީ، ދުނިޔޭގެ މަޝްހޫރު "ކޯނޭ" ބްރޭންޑުގެ އެލެވޭޓަރުތައް ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ މައި ކުންފުނީގެ ހައިސިއްޔަތުން، އެ ދާއިރާއަށް ބޭނުންވާ ފަންނީ ދިވެހިން ތަމްރީނުކުރުމަށް ހުޅުވާލި ފުރުޞަތެކެވެ. މި ސްކޮލާޝިޕް ކުރިއަށްދާނީ ކޯނޭ އެކަޑަމީއާ ގުޅިގެންނެވެ.
އެސްޓީއޯއިން ވިދާޅުވި ގޮތުގައި މި ސްކޮލާޝިޕްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާ އިތުރަށް ތަރައްޤީކޮށް، ޤައުމު ބިނާކުރުމުގެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ ފަންނީ އަދި ޤާބިލު ދިވެހި އިންޖިނިއަރުން އުފެއްދުމެވެ.
ގުޅުން ހުރި ޙަބަރުތައް

ޤައުމު ބިނާކުރުމުގައި ދިވެހި އިންޖިނޭރުންގެ ދައުރު މުހިންމު: ރައީސް
18 ގަޑިއިރު ކުރިން

އަންހެނަކަށް ވެގެން ފޭސްބުކުން 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ޖަލަށް!
21 ގަޑިއިރު ކުރިން

ވަގު ޑޮލަރު ގެންގުޅުނު ދިވެހި އަންހެނަކު ޖަލަށް!
21 ގަޑިއިރު ކުރިން

އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ: އަލުން ރަޖިސްޓަރީވާން އެންސްޕާއިން އެދެފި
21 ގަޑިއިރު ކުރިން


