logo

މެއި މަހުގެ ނިޔަލަށް 38،800 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ބޭރަށް ފޮނުވާފައިވޭ: އެމްއެމްއޭ

profile

އައިޝަތު އިބްރާހިމް - 03 ޖުލައި 2025 - 07:58

މި އަހަރުގެ ޖެނުއަރީން ފެށިގެން މެއި މަހުގެ ނިޔަލަށް ޖުމްލަ 38،800 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ ބޮޑު ތަނުން ކުރިއެރުން ހޯދާފައެވެ.

އެގޮތުން ޖެނުއަރީން ފެށިގެން މެއި މަހުގެ ނިޔަލަށް ޖުމްލަ 38،800 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ ހަމަ މި މުއްދަތުގައި އެކްސްޕޯޓް ކުރި 23،356 މެޓްރިކް ޓަނާ އަޅާބަލާއިރު 66 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ 15،444 މެޓްރިކް ޓަނުގެ އިތުރުވުމެކެވެ.

މި އަހަރުގެ ކޮންމެ މަހަކުވެސް މަސް އެކްސްޕޯޓް ކުރުމުގައި ރަނގަޅު ނަތީޖާ ހާސިލުކުރެވިފައިވާކަންވެސް އެ ތަފާސް ހިސާބުން އެނގެއެވެ. ޖެނުއަރީ މަހު 5،710 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކުރިއިރު، ފެބްރުއަރީ މަހު މި އަދަދު 8،511 މެޓްރިކް ޓަނަށް އަރާފައިވެއެވެ. މާޗް މަހު 7،376 މެޓްރިކް ޓަނު، އެޕްރީލް މަހު 9،700 މެޓްރިކް ޓަނު އަދި މޭ މަހު 7،499 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ.

އެކްސްޕޯޓް ކުރި މަހުގެ ބާވަތްތަކަށް ބަލާއިރު، ކަޅުބިލަ މަސް އެކްސްޕޯޓް ކުރުމުގައި ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ހޯދާފައިވެއެވެ. މި އަހަރުގެ ފުރަތަމަ 5 މަސް ދުވަހު 31،157 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓް ކޮށްފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ބޭރުކޮށްފައިވަނީ 14،877 މެޓްރިކް ޓަނެވެ. މިއީ ދެގުނައަށް ވުރެ ގިނައިން އިތުރުވި އަދަދެކެވެ.

އެހެން ނަމަވެސް، މަހުގެ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރި މިންވަރު ދަށަށް ގޮސްފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި ފާއިތުވި އަހަރުގެ މި މުއްދަތުގައި 4،670 މެޓްރިކް ޓަނު އެކްސްޕޯޓް ކޮށްފައިވާއިރު، މި އަހަރު މި އަދަދު 4،002 މެޓްރިކް ޓަނަށް ދަށްވެފައިވެއެވެ. ހަމަ އެއާއެކު މަސްދަޅު އަދި ޕޯޗްޑް މަހުގެ ގޮތުގައި ފާއިތުވި އަހަރު 3،049 މެޓްރިކް ޓަނު ބޭރުކޮށްފައިވާއިރު، މި އަހަރު މި އަދަދު 2،604 މެޓްރިކް ޓަނަށް ދަށްވެފައިވެއެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން އެކްސްޕޯޓް ދާއިރާގައި ހޯދާފައިވާ ކުރިއެރުމަކީ އުއްމީދު ކުރެވޭ ފަދަ ކުރިއެރުމެއްކަން ފާހަކުރެވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay