logo

ދައުރުން ބޭރު ކުއްލި ޖަލްސާއަކަށްވެސް މެމްބަރުން ތިބީ ތައްޔާރަށް: އަބްދުއްރަހީމް

profile

ޒިދާން މުޙައްމަދު - 28 އޯގަސްޓު 2024 - 21:33

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލީސް)

20 ވަނަ ރައްޔިތުންގެ މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައި ނަމަވެސް، މުހިންމު ހާލަތެއް ދިމާވެއްޖެ ނަމަ، މަޖިލީހުގެ ކުއްލި ޖަލްސާތައް ބާއްވަން މެންބަރުން ތައްޔާރަށް ތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ - ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ޕީއެންސީއަށް ރައްޔިތުން ދިނީ ސަރުކާރަށް ދަތިނުވާ ގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި އެހެންކަމުން މަޖިލީސް ޗުއްޓީގައި އޮތަސް ސަރުކާރަށް މުހިންމު ކަމެއް ދިމާވެއްޖެ ހާލަތެއްގައި ދައުރުން ބޭރު ޖަލްސާތައް ބާއްވައިގެން އެކަމެއް ކޮށްދޭ ގޮތަށް މަޖިލިސް ތައްޔާރަށް އޮތް ކަމަށެވެ.

މަޖިލިސް މެންބަރުންގެ ޗުއްޓީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދެމިގެންދާއިރު، މަޖިލީހުގެ އަންނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހުއެވެ.

ދައުރި ނިންމާލި ޖަލްސާ ނިންމަވާލަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅުނު މަސައްކަތްތަކުން 82.9 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

މަޖިލިސް މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ދިޔަ ނަމަވެސް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވާނެކަން ވެސް ނާޒިމް އިއުލާންކުރެއްވިއެވެ. އެއީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާ ގުޅޭ ޖަލްސާތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

tel:+9607331319