logo

ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ ދެނީ

profile

ޝުރުފާ މުހަންމަދު - 15 ސެޕްޓެމްބަރު 2024 - 13:59

ދީނީ އިޖްތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝަހީމް ވާހަކަދައްކަވަނީ--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދީނީ އިޖްތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝަހީމް ވާހަކަދައްކަވަނީ--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުން ފަދަ އެކި ހަރަކާތްތައް ކުރިއަށް ގެންދާ ޖަމިއްޔާތަކަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ދީނީ ކަންކަމަށް ހޭލުންތެރިކުރުމާއި، ބޮޑެތި ކާރިސާތައް ދިމާވެފައިވާ އިސްލާމީ ގައުމުތަކަށް އެހީތެރިވުމަށް ވެސް ރާއްޖޭގެ އެކި ޖަމިއްޔާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މިހާތަނަށް އެ ޖަމިއްޔާތަކުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މި މަސައްކަތުގައި ހުރި މާލީ ދަތިކަމުގެ ކަންބޮޑުވުން ކަމަށެވެ.

ރާއްޖޭގެ ވެރިރަށް މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް މިފަދަ ޖަމިއްޔާތައް މިހާރު ވަރަށް ހަރަކާތްތެރިކޮށް ހިންގަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެ މަސައްކަތުގެ މުހިންމު ކަމާއި މާތްކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، މިފަދަ ޖަމިއްޔާތައް ހިންގަމުން އަންނައިރު، މިހާތަނަށް އެންމެ ބޮޑު މައްސަލައަކަށް ފާހަގަވީ އެ ޖަމިއްޔާތަކަށް މި މަސައްކަތުގައި އެކަށީގެންވާ މާލީ އެހީތެރިކަމާއި ވަސީލަތްތައް ލިބޭނެ މަގެއް ނެތުން ކަމަށެވެ. އެގޮތުން ވަރަށް ގިނަ ޖަމިއްޔާތަކުން މިކަންކަމުގައި މިނިސްޓްރީގެ އެހީތެރިކަމަށް އެދޭކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެކަން ކޮށްދިނުމަށް ރަނގަޅު ނިޒާމެއް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެމަސައްކަތް ފަށާއިގަތުމަށް ލިޔެކިޔުން ބެލެހެއްޓޭނެ ގޮތެއް ގާއިމުކުރަންޖެހޭކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން މިނިސްޓްރީގެ ފަރާތުން އެހީތެރިވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން: މިނިސްޓަރ ޝަހީމް

މީގެ އިތުރަށް މިނިސްޓަރ ޝަހީމް ވަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ބައެއް ރަށްތަކުގައި މިހާރު ވެސް ކީރިތި ގުރުއާން އުނގަންނައިދޭނެ ކްލާސްތައް ނެތް ކަމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ނުކުރެވޭ އެތައް ރަށެއް އެބަހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަން ހައްލުކުރުމަށް ޖަމިއްޔާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެކަމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ފެށި ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމްޢިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.



tel:+9607331319