logo

އިސްލާމިކް މިނިސްޓްރީގެ މަޝްރޫޢުތަކަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފި

profile

އައިޝަތު އިނާޝާ - 12 ސެޕްޓެމްބަރު 2024 - 18:20

ހއ. ދިއްދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް - ފޮޓޯ އިސްލާމިކް މިނިސްޓްރީ

ހއ. ދިއްދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް - ފޮޓޯ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު 25 މަޝްރޫއުއެއް ކުރިއަށްދާއިރު އޭގެ ތެރޭގައި ހިމެނެނީ 21 މިސްކިތެއްގެ މަސައްކަތާއި 2 އިސްލާމިކް ސެންޓަރެއްގެ މަސައްކަތާއި، 1 ޤުރުއާން ސެންޓަރެއްގެ މަސަައްކަތުގެ އިތުރުން ސެޓުލްމަންޓު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާ 1 މިސްކިތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާއިރު، އިތުރު މަޝްރޫޢުތަކުގެ ދުވެލި އަވަސް ކުރުމަށް އިސްލާމިކް މިނިސްޓްރީއާއި މަސައްކަތްތައް ކުރިއަށް ގެންދާ ކުންފުނިތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން މިދައުރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢު ކަމަށްވާ ހުޅުމާލޭގައި އިމާރަތްކުރާ ވަޤްފް ބިލްޑިންގކަމަށްވާ ދާރުލް ސަލާމްގެ މަސައްކަތާއި މާލޭގައި އިމާރާތްކުރާ ދާރުލް އަރުޤަމްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުން ކަމަށާއި އެގޮތުން ދާރުލް ސަލާމްގެ ޑިޒައިން އަދި ކުރެހުމުގެ މަސައްކަތް ނިންމާ ކޮންޓެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާއިރު ދާރުލް އަރުޤަމްގެ ކޮންސެޕްޓް އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހއ. ދިއްދޫގައި އިމާރާތް ކުރަމުން ގެންދާ އިސްލާމީ މަރުކަޒުގެ އިމާރާތުގެ ބިނާގެ މަސައްކަތްތައް ވެސް މިހާރު ވަނީ ނިންމާލާފައެވެ.

މި އިސްލާމީ މަރުކަޒަކީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ.

މި މަރުކަޒުގައި ނަމާދުކުރުމަށް ޚާއްސަ ޖާގައިގެ އިތުރުން، 450 މީހުންގެ މަލްޓިޕަރޕަސް ހޯލެއް ހުންނާނެއެވެ. އަދި މި މަރުކަޒުގައި އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 4 ކްލާސްރޫމާއި، 2 ސެމިނަރ ރޫމުގެ އިތުރުން ޕޭންޓްރީއެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 50.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެ.

tel:+9607331319