logo

ބުޅާމަހުން ކާއެއްޗެހި ތައްޔާރުކޮށްފައެއް ނުވޭ: ފުލުހުން

profile

ޝުރުފާ މުހައްމަދު - 20 އޮކްޓޯބަރު 2024 - 15:50

ބުޅާ މަހުން ކާއެއްޗެހި ތައްޔާރުކުރާ ކަމަށް ތުހުމަތުވި އަރަފާތު----

ބުޅާ މަހުން ކާއެއްޗެހި ތައްޔާރުކުރާ ކަމަށް ތުހުމަތުވި އަރަފާތު----

މާލޭގައި ބުޅާމަހުން މީހަކު ކާއެއްޗެހި ތައްޔާރުކޮށް ވިއްކާފައި ނުވާކަން ފުލުހުން ކަށަވަރު ކޮށްދީފިއެވެ.

މިދިޔަ އޯގަސްޓު މަހު މިމައްސަލަ ފެންމަތިވީ މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީ އަކު ބުޅާ މަސް އަޅައިގެން ކާ އެއްޗެހި ތައްޔާރުކުރަމުން އަންނަ ކަމުގެ ތުހުމަތު ކުރެވި ފުލުހުން އެމީހާ ހޯދަން ފެށި ހިސާބުންނެވެ.

މި މައްސަލާގައި އަތުލައިގެންފައި ވަނީ ބަންގްލަދޭޝްގެ 32 އަހަރުގެ، އެމްޑީ އަރަފާތު ހޮސައިން ނަމަކަށް ކިޔާ މީހެކެވެ. އެމީހާ ހައްޔަރުކުރީ ވެސް ފުލުހުން އޭނާ ހޯދަން ފެށުމުން ސިފަބަދަލުކުރުމަށް ސެލޫނަކަށް ގޮސް އުޅެނިކޮށެވެ.

މި މައްސަލާގައި އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ކާއެއްޗެހި ތައްޔާރުކުރަމުން ދިޔަ ތަން ވެސް ބަންދުކޮށް ބަލާ ފާސް ކޮށްފައެވެ. އަދި އެ ތަނުގައި ހުރި އެއްޗެހީގެ ސާމްޕަލް ނަގައި ތަހުލީލުތަކަށް ފޮނުވާފައިވާއިރު، މި މައްސަލަ ފުލުހުން ވަނީ ތަހުގީގު ކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ބުޅާ މަސް އަޅައިގެން އެއްވެސް ކާއެއްޗެއް ހެދިކަމުގެ ހެކި ފެނިފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭނެ ވަރުގެ ހެކިވެސް ލިބިފައި ނުވާތީ ތަހުގީގު ނިންމާލާފައިވާ ކަމަށެވެ. އަދި އިމިގްރޭޝަނާ އޭނާ ހަވާލުކުރުމުން މިހާރު އޭނާ ޑީޕޯޓްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލާގައި އަރަފާތުގެ މައްޗަށް އެންމެ ފުރަތަމަ ވެސް ތުހުމަތުވީ އޭނަގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން ބަޔަކު އެވާހަކަ ސޯޝަލް މީޑިއާއަށް ތިލަކުރި ހިސާބުންނެވެ. އެގޮތުން އެ ގޭ ސަރަހައްދުން ކަރު ބުރިކޮށް މަރާލާފައި ހުންނަ ބުޅާ ފެންނަ ކަމާއި، އެ ގޭތެރެއިން ބުޅާ ރޯއަޑު އިވޭ ކަމަށް މީހުން ބުނެފައި ވެއެވެ. އަދި މާލެ ސަރަހައްދުުގައި އާންމުކޮށް ބުޅާ އުޅޭ ސަރަހައްދުތަކަށް ބުޅާ ހިފަން ގޮސް އަރަފާތު އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

އަރަފާތު ދިރިއުޅެމުން ދިޔައީ ގ. ރަނައުރާއާގޭގަ އެވެ. ދެ ބުރިއަށް ހަދާފައި ހުރި އެ ގޭގެ އެންމެ މަތީ ބުރީގައި ހުރީ އެނދެއް ބަހައްޓައި މީހަކަށް ނިދޭ ގޮތް ހަދައިފަ އެވެ. ދެ ވަނަ ބުރި ބޭނުން ކުރަނީ ގުދަނެއްގެ ގޮތުގަ އެވެ. އެ ބަޔަށް ހުރީ މުދާ ވައްދާފަ އެވެ. އަދި އެންމެ ތިރި ބޭނުން ކުރަނީ ބަދިގެއެއްގެ ގޮތުގަ އެވެ. އަދި މުޅި އެތަން އޮތީ ކުންޏާއި ލެއާއި މަހުން މުޑުދާރުވެފަ އެވެ.

ފުލުހުން އެތަން ބަންދުކޮށްފައިވާއިރު، މި މައްސަލައާ ވިދިގެން މާލޭގެ ގިނަ ތަންތަން ބަލާ ފާސްކުރި އިރު މިފަދަ އެތައް ތަނެއް ބިދޭސީން މާލެ ތެރޭގައި ހިންގަތަން ފެނިފައިވެ އެވެ.

https://wamco.com.mv/
tel:+9607331319