logo
ބްރެޒިލްގެ އަންހެން ފުޓްސަލް ޓީމު

ބްރެޒިލްގެ އަންހެން ފުޓްސަލް ޓީމު

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ޕޯޗުގަލް ބަލިކޮށް ބްރެޒިލް ޗެމްޕިއަންކަން ހޯދައިފި

profile

ހަސަން ޝަމްއޫން - 07 ޑިސެމްބަރު 2025 - 14:49

ފިލިޕީންސްގައި މިހާރު ކުރިއަށްދާ އަންހެނުންގެ ފީފާ ވޯލްޑްކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް ބްރެޒިލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

https://wamco.com.mv/

ބްރެޒިލް މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ސްޕެއިން 4-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޕޯޗުގަލް މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އާޖެންޓީނާ ބަލިކުރުމަށްފަހު އެވެ.

ފިލިޕިންސްގެ ޕަސިގް ސިޓީގެ ފިލްސްޕޯޓްސް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބްރެޒިލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާއަށް ދޭ އެޑިޑާސް ގޯލްޑެން ބޫޓް ބްރެޒިލްގެ އެމިލީއަށް ލިބުނުއިރު، އެޑިޑާސް ސިލްވަރ ބޫޓް ލިބުނީ ބްރެޒިލްގެ އައިރީން ކޯޑޯބާ އަދި އެޑިޑާސް ބްރޯންޒް ބޫޓް ހޯދީ ޕޯޗުގަލްގެ ލިޑިއާ މޮރޭރާ އެެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށް ދޭ އެޑިޑާސް ގޯލްޑެން ގްލޯވް އެވޯޑު ލިބުނީ ޕޯޗުގަލްގެ އަނާ ކެޓަރީނާ އަށެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ދޭ އެޑިޑާސް ގޯލްޑަން ބޯލް ބްރެޒިލްގެ އެމިލީއަށް ލިބުނު އިރު، އެޑިޑާސް ސިލްވަރ ބޯލް ލިބުނީ ބްރެޒިލްގެ ޑެބޯރާ ވެނިންއަށެވެ. އަދި އެޑިޑާސް ބްރޯންޒް ބޯލް ލިބުނީ ޕޯޗުގަލްގެ ލިޑިއާ މޮރޭރާއަށެވެ.

21 ނޮވެމްބަރު 2025 އިން 7 ޑިސެންބަރު 2025 ގެ ނިޔަލަށް ފިލިޕިންސްގެ ޕަސިގް ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ 16 ޓީމަކުން ވާދަކުރިއިރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay