
ރެއާލް މެޑްރިޑާއި ސެލްޓަވީގޯ ވާދަކުރި މެޗުގެ ތެރެއިން .
19 އަހަރަށް ފަހު އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ

ހަސަން ޝަމްއޫން - 08 ޑިސެމްބަރު 2025 - 01:03
ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ. އަދި މިއީ 2004 ގެ ފަހު ރެއާލްގެ ދަނޑުގައި ސެލްޓަވީގޯ މޮޅުވި ފުރަތަމަ މެޗެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި އެތްލެޓިކް ބިލްބާއޯ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސެލްޓަވީގޯ އެންމެ ފަހުން ކުޅުނު މެޗުގައި އެސްޕަނިއޯލް އަތުން 1-0 ގެ ނަތީޖާއަކުން ޓީމުން ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ލީޑުހޯދުމަށް މިހާފުގައި ރެއާލްގެ އެމްބާޕޭ އަދި ވިނީސިއަސްއަށް ވެސް ވަނީ ވަރަށް ހުސް ދެފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތްނުވެފައެވެ.
މީގެ އިތުރުން މިހާފުގައި ކައުންޓާ އެޓޭކުތަކުގައި ސެލްޓާ އިން ވެސް ރެއާލްގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައިވާއިރު، ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ރެއާލްގެ ބްރެޒިލް ޑިފެންޑަރު މިލީޓޯއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.
މެޗު ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ސެލްޓަވީގޯ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވިލިއޮޓް ސްވެޑްބާގް އެވެ.
މިމެޗުގައި ރެއާލް މެޑްރިޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ފެރާން ގާސިއާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އަދި މެޗުގެ އިތުރުވަގުތުގެ ތެރޭގައި މެޗު ހޫނުވެ ރެއާލްގެ ޑިފެންޑަރު އަލްވާރޯ ކަރޭރަސްގެ އިތުރުން ބެންޗުގައި އިން ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިޗަށް ވެސް މެޗުގެ ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު މެޗުގެ އިތުރުވަގުތުގެ ފަހު ހަތަރު މިނެޓް ނުވަ ކުޅުންތެރިންނާއެކު ރެއާލް މެޑްރިޑުން ފުރިހަމަކުރިއިރު، ސެލްޓާގެ ދެވަނަ ލަނޑު މެޗުގެ އެންމެ ފަހުވަގުތު ކާމިޔާބުކޮށްދިނީ ވެސް ވިލިއޮޓް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން ރެއާލް މެޑްރިޑަށް 36 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ހޯދި ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 15 މެޗުން ސެލްޓަވީގޯއަށް 19 ޕޮއިންޓް ލިބުފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ތާވަލުގެ ފުލުގައި އޮތް ވުލްވްސް އަތުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް
ގަޑިއިރެއް ކުރިން

ވާދަވެރި ކުޅުމަކަށްފަހު ޔުވެންޓަސް ބަލިކޮށް ނަޕޯލީ އެއްވަނައަށް
ދުވަހެއް ކުރިން

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ޕޯޗުގަލް ބަލިކޮށް ބްރެޒިލް ޗެމްޕިއަންކަން ހޯދައިފި
2 ދުވަސް ކުރިން

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ފަސޭހަކަމާއެކު އާޖެންޓީނާ ބަލިކޮށް ސްޕެއިން ތިންވަނަ ހޯދައިފި
2 ދުވަސް ކުރިން


