
ދަރިވަރުންނަށް އިސްލާމް މާއްދާ ދިވެހިން ކިޔަވައިދޭތީ ކަންބޮޑުވަން: ފައްޔާޒް

ރިޟްވާން މޫސާ - 23 ޖެނުއަރީ 2026 - 13:51
ސްކޫލް ދަރިވަރުންނަށް އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވައިދޭތީ ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއެްޖެ އެވެ.
ފައްޔާޒް މިގޮތަށް އެމަނިކުފާނު އެކްސް އެކައުންޓް މެދުވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މީގެ ކުރިން ވޭތުވެ ދިޔަ ހުރިހައި ޒަމާނެއްގައިވެސް އިސްލާމް މާއްދާ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދީފައިވަނީ ދިވެހި ބަހުންނެވެ.
ފައްޔާޒް ވަނީ އިސްލާމް މާއްދާ ދިވެހިން ކިޔަވައިދީގެން ކުދިންގެ މެދުގައި ދީނީ ލޯބި އުފެދޭ ތަނެއް މިހާރު ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.
ފައްޔާޒު ވިދާޅުވީ ދިވެހިބަސް ކުރިއެރުވުމުގެ މުހިންމު ބޭނުމަށްޓަކައި އަލަށް އުނގެނެން ފަށާ ކުދިންނަށް އިސްލާމް ދީން ފަހުމުނުވާނެ ހާލަތެއްގައި އޮތުމަކީ އެކުދިން ބޮޑުވަމުން އަންނައިރު ދީން ދެކެ ލޯބި އުފެދި، ހެޔޮ މުސްލިމަކަށްވުމަށް އެޅެންޖެހޭ ބިންގާ އެޅުމުގައި ބޮޑު ހުރަހަކަށް ވާނެ ކަމެއް ކަމަށެވެ.
ފައްޔާޒް ވަނީ އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވައިދުނުމަކީ ދިވެހި ބަސް ނުވަތަ މާދަރީ ބަސް ކުރިއެރުވުމަށް ކުރާ މަސައްކަތެއް ކަމަށް ސިފަކުރައްވާފަ އެވެ.
ދިވެހި ބަސް ކުރިއެރުވޭނީ އިސްލާމް މަައްދާ އަދި ސައިންސް މާއްދާ ދިވެހި ބަހުން ކިޔަވަދީގެން ނޫންކަމަށާއި، ކުރަންވީ ކަމަކީ ލިޔުންތެރިންނަށް ފަހި ވަރުގަދަ މާހައުލެއް ގާއިމުކުރަންވީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒްގެ ޕޯސްޓުގައި އެމަނިކުފާނު މި ކަންބޮޑުވުން ފާޅުކުރެއްވީ އެއްެވްސް ފަރާތެއްގެ ދެކެ ރުޅިވެރި ވެގެން ނޫން ކަމަށާއި، މިފަދަ ކަންކަމުން މަޝްވަރާ ކުރެވިގެން ހައްލު ހޯދުމަކީ އެމަނިކުފާނު އެދިވަޑައިގަނަންވާ ގޮތް ކަމަށް ވިދާޅުވެ ފައެވެ.






