ޕާކިސްތާނުގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 50 އެއްހާ މީހުން މަރުވެއްޖެއެވެ. ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)އިން ބުނީ މަރުވެފައިވާ މީހުންގެ ތެރޭގައި އަށް ކުޑަކުދިން ވެސް ހިމެނޭ ކަމުގައެވެ.
އެ ކުދިން މަރުވެފައި ވަނީ، ހުސް ދަނޑެއްގައި ކްރިކެޓް ކުޅެއް ތިއްބާ އެ ސަރަޙައްދުގެ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުންނެވެ. އެ ހާދިސާ ހިނގާފައި ވަނީ ޕާކިސްތާނުގެ އުތުރުގައިވާ ޚައިބަރު ޕަޚްތުންޚްވާގެ ޝަންގްލާ ޑިސްޓްރިކްޓުގައެވެ.
ޕާކިސްތާނުގެ އެކި ކަންކޮޅުތަކަށް މޫސުމީ ވިއްސާރަކުރަން ފަށާފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ހިނގާފައިވާ އެކި ހާދިސާތަކުގައި 87 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި ވެސް އެން.ޑީ.އެމް.އޭއިން ބުނެއެވެ.
އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ އިރުމަތީގައި ޕުންޖާބު ޕުރޮވިންސުގައެވެ. ގިނަ މީހުން މަރުވީ ފެންބޮޑުވުމާ ގުޅިގެން ކަރަންޓުގައި ޖެހުމުންނާއި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެގެން ކަމުގައި ވެސް އެން.ޑީ.އެމް.އޭއިން ބުނެއެވެ. މަރުވެފައިވާ މީހުންގެ ޢަދަދު 55 އަށް އަރާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޚައިބަރު ޕަޚްތުންޚްވާގެ ޝަންގްލާ ޑިސްޓްރިކްޓުގައި ހިނގި ބިންގަނޑު ކެނޑުމުގެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނެވެ. މަރުވި އަށް ކުދިންގެ ތެރެއިން ބައެއް ކުދިން ހަށިތައް ފެނިފައިވާއިރު، ވެއްޔާއިން ކިސަޑުގެ ދަށުގައި ތާށިވެފައިވާ އިތުރު ކުދިންގެ ހަށިތައް ހޯދަން އޮފިޝަލުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި އިތުރު ކުދިންތަކަކަށް އަނިޔާވި ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ
ވިއްސާރައިގެ އަސަރު ދެން އެންމެ ބޮޑަށް ކުރަމުން ދަނީ ދެވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ލާހޯރަށެވެ. އެ ރަށުގެ އާބާދީގެ 35 އިންސައްތަ މީހުންނަށް ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ކަރަންޓުގައި ޖެހިގެންނާއި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެގެން ލާހޯރުން ވެސް 19 މީހުން މަރުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޕާކިސްތާނުގެ ގިނަ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި، ބޯކޮށް ވާރޭވެހުމާއި ބައެއް ކޯރުތައް ފުރިގެން ބަންޑުންވެދާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ކުރެއެވެ. ފެންބޮޑުވުމުގެ ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ ބައެއް މީހުން ހޯދުމަށް އޮފިޝަލުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.