logo

ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިންގެ ހައްގުތައް ގެއްލޭ ވާހަކަ ނުދެއްކުމަށް އީސީން ގޮވާލައިފި

profile

ޝުރުފާ މުހައްމަދު - 14 މާރިޗު 2025 - 08:30

ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިންގެ ހައްގުތައް ގެއްލޭ ގޮތަށް ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ގޮވާލައިފި އެވެ.

https://wamco.com.mv/

އެ ކޮމިޝަނުން މިހެން ބުނެފައި މިވަނީ، އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އެ ޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައަކާ ގުޅިގެންނެވެ. މަޖީދީ މަގުގައި އިތް އެއްވުމުގައި މަންދީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ވާހަކަދައްކާފަ އެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވާއިރު، ސިޔާސީ މަގްސަދެއްގައި ކުޑަ ކުއްޖެއްގެ ވާހަކަ ދެއްކުން ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފަ އެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުނު ބަޔާނުގައި ވަނީ ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ކުޑަކުދިންގެ ހައްގުތައް ގެއްލޭ ފަދަ ސާބިތު ނުހިފޭ ވާހަކަ ދައްކައި، އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ކަންކަން ކުރުން އެ ކޮމިޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ.

އަދި ހަމަ އެހެންމެ، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި ހަގީގަތާ ހިލާފަށް ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނައި ގަވާއިދާ ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދީފަ އެވެ. އަދި ބުނީ ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk