
ކުރީގެ ރައީސް އަބްދުﷲ ޔާމީން---
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރުން ފަސްކޮށްފި

ޖިނާން ޙުސައިން ޖަބީން - 28 އޮކްޓޯބަރު 2026 - 13:25
ރ. ފުއްގިރި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގްގެ ކުށުގެ ދައުވާއެވެ. މި ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައި، ދެފަރާތުން ހުލާސާ ބަޔާން އިއްވާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އިއުލާންކުރައްވާފައިވަނީ، މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހުކުމް އިއްވުމުގެ ޝަރީއަތް އޮންނާނެ ކަމަށެވެ.
ނަމަވެސް، ގާޒީ މައްސަލަ އިތުރަށް ދިރާސާކުރައްވަމުން ގެންދަވާތީ، މާދަމާއަށް ތާވަލުކުރި އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. އަދި މި މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނެ ވަކި ތާރީޚެއް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތުގެ ދައުވާގައި ބަޔާންކޮށްފައިވަނީ، ފުއްގިރި މުއާމަލާތަކީ ރައީސް ޔާމީނަށް ނާޖާއިޒު މަންފާއެއް ހޯއްދަވައިދިނުމުގެ މަގުސަދުގައި ހިންގި މުއާމަލާތެއް ކަމަށާއި، އޭގެ ތެރެއިން ލިބުނު ފައިސާ އެމަނިކުފާނަށާއި ޕާޓީއަށް ޖަމާކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް، ރައީސް ޔާމީންގެ ފަރާތްޕުޅުން މި ތުހުމަތުތައް ދޮގުކުރައްވައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ސައްހަ ވިޔަފާރީގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި!
2 ދުވަސް ކުރިން

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް އީގަލް ހިލްސް ކުންފުންޏަށް ރައީސް ޔާމީން ގޮވާލައްވައިފި
17 ދުވަސް ކުރިން

ރައްުޔިތުން މިސްލީޑުކުރުމަކީ ރައީސް އަކަށް ހުންނަ މީހާއަށް އޮތް ލައިސެންސެއް ނޫން: ރައީސް ޔާމީން
21 ދުވަސް ކުރިން

ތަކުރާރުކޮށް މިސްކިތްތަކަށް ގެންލުންދޭ ކަމަށް ބުނާ މީހާ ހައްޔަރުކޮށް ބަންދުކޮށްފި!
މަހެއް ކުރިން


