logo
ދިވެހިންގެ ބިން ދިވެހިންނަށް ހާއްސަ ކަވަރޭޖްގެ ތެރެއިން / ފޮޓޯ: އަސްލު ޓީވީ

ދިވެހިންގެ ބިން ދިވެހިންނަށް ހާއްސަ ކަވަރޭޖްގެ ތެރެއިން / ފޮޓޯ: އަސްލު ޓީވީ

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލު ގެއްލިގެންދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީ

profile

މުޙައްމަދު ފަޟްލޫން - 13 ނޮވެމްބަރު 2026 - 06:22

ރަސްމާލެ މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލުގެ އިތުރުން ދީނީ ވަޙްދަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ބިން ދިނުމާ ދެކޮޅަށް ހިންގާ ގައުމީ ހަރަކާތުން ބާއްވާ އެއްވުމާ ގުޅޭގޮތުން، އަސްލު ޓީވީ، ޗެނަލް 13، ރާއްޖެ ޓީވީ އަދި އަދަދު ނޫސް ގުޅިގެން ގެނެސްދިން ހާއްސަ ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، 99 އަހަރުގެ ދިގު މުއްދަތަކަށް ބޭރުގެ ބަޔަކަށް އެ ބިން ދޫކޮށްލުމަކީ ގައުމުގެ ސިޔާދަތަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.

ޣައިރު މުސްލިމުން ރަސްމާލޭގައި ދާއިމީ ގޮތެއްގައި ވަޒަންވެރިވުމަކީ ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީ ވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އެއްބަސްވުން ދިފާޢުކުރުމުގެ ގޮތުން، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް ފުރުޞަތު ނޯންނާނެ ކަމަށާއި ބަނގުރާ ވިއްކުން ފަދަ ޢަމަލުތައް ނުހިނގާނެ ކަމަށް ސަރުކާރުން ބުނަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ، އެފަދަ ކަންކަން ނުހިނގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެނީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދަވާފައެވެ.

މީގެއިތުރުން، އެއް ޤަރުނާ ގާތްކުރާ މުއްދަތަކަށް ހަދާ މިފަދަ އެއްބަސްވުމެއްގެ ދަށުން، އެ ސަރަޙައްދުގައި ދިރިއުޅެން އަންނަ ބޭރުގެ ޢާއިލާތަކާއި އެމީހުންގެ ޖީލުތަކުގެ ސަބަބުން، ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި ދީނީ ފޭރާމަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.

ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނުއަސާސީން އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ޖާގަ ނުދޭއިރު، ބޭރު މީހުން ދިގު މުއްދަތަކަށް ވަޒަންވެރިވުމަކީ ރައްޔިތުކަން ލިބުމާ އެއްފަދަ ކަމެކެވެ. ސަބަބަކީ، ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅޭ ބަޔަކު އެމީހުންގެ ޙައްޤުތައް ހޯދަން ވަކާލާތުކޮށްފާނެތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އެހެން ގައުމުތަކުގެ ރައްޔިތުން ރާއްޖޭގައި ދިގު މުއްދަތަކަށް ވަޒަންވެރިވެ ދިރިއުޅެމުންދާނަމަ، އޭގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ފޯރާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319