
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް އާޒިމާ އައްޔަނުކޮށްފި

މުޙައްމަދު ފަޟްލޫން - 23 އޯގަސްޓު 2026 - 11:06
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާޒިމާ ޝަކޫރު ހަމަޖައްސައިފިއެވެ.
އާޒިމާ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް އައްޔަނު ކުރެއްވުމާއި ގުޅިގެން އޮފީހަށް ނިކުންނަވާކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
ޢާޒިމާ ޝަކޫރަކީ 2023 ވަނަ އަހަރު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅެކެވެ.
މީގެއިތުރުން، އެކަމަނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޢާއިލީ މައްސަލައެއްގައި މީގެކުރިން ކޯޓުގައި ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްޕުޅު ކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ.
މީގެ ކުރިން އާޒިމާ ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމާއި ދައުލަތުގެ މުހިއްމު އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައެވެ.






