
ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ހޭދަ 9.38 ބިލިއަނަށް

އައިމަން ޢަބްދުއްސައްތާރު - 21 އޯގަސްޓު 2026 - 10:37
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މި ހިސާބަކީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ހޭދައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 8،441.5 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 11.2 އިންސައްތައިގެ އިތުރުވުމެކެވެ.
އަދި ސީދާ މުސާރައިގެ ގޮތުގައި ދޫކުރި ފައިސާ ވަނީ 14.2 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް 13ގެ ނިޔަލަށް މުސާރައަށް 3.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، މުވައްޒަފުންގެ އެކިއެކި އިނާޔަތްތަކަށް ކުރި ހޭދަ ވެސް ވަނީ 3.4 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ޕެންޝަނާއި ރިޓަޔާމަންޓް އިނާޔަތްތަކަށް ދައުލަތުން ކުރި ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވެފައެވެ. މިދިޔަ އަހަރު މި ކަންކަމަށް 1.2 ބިލިއަން ރުފިޔާ ހޭދަކުރިއިރު، މި އަހަރު އެ އަދަދު ވަނީ 1.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ އަސާސީ ޕެންޝަނުގެ ގޮތުގައި ދޫކުރި 908.7 މިލިއަން ރުފިޔާއާއި، ރިޓަޔާމަންޓް އިނާޔަތްތަކަށް ދޫކުރި 460.8 މިލިއަން ރުފިޔާއެވެ.
މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިތުރުވެފައިވާއިރު، ދައުލަތުގެ ޖުމްލަ ޚަރަދުތައް ވެސް ވަނީ ބޮޑުވެފައެވެ. އޮގަސްޓް 13 ގެ ނިޔަލަށް ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތައް ވަނީ 19.3 އިންސައްތަ އިތުރުވެ، 28 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 23 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު ބޮޑު އަދަދެކެވެ.
ދައުލަތުގެ ޚަރަދުތަކުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ރިކަރަންޓް ޚަރަދު ވަނީ 20 ބިލިއަން ރުފިޔާއިން 24 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއަހަރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ދައުލަތުގެ ބަޖެޓުގައި 17.09 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޮގަސްޓް މަހުގެ މެދަކާ ހަމައަށް އައިއިރު މި ބަޖެޓުގެ ގާތްގަނޑަކަށް 54.9 އިންސައްތަ ވަނީބޭނުންކުރެވިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފެނަކައިން މުވައްޒަފުން ވަކިކުރި މައްސަލައިގައި އިހުތިޖާޖަށް ނުކުތުމަށް އައްޑޫ މޭޔަރު ގޮވާލައްވައިފި
6 ގަޑިއިރު ކުރިން

ދެކުނުގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ލިޔެވިފައިވާ ފޮތްތަކެއްގެ ވާހަކަ ރައީސް ނަޝީދު ހިއްސާކުރައްވައިފި
6 ގަޑިއިރު ކުރިން

ހއ. ކެލާގެ އިޖުތިމާޢީ ކުއްލި އެހީތެރިކަން ދޭ ޓީމު ތަމްރީނުކޮށްފި
6 ގަޑިއިރު ކުރިން

މާރާމާރީ ހިންގައި އިންޒާރުދިން ދެމީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


