logo

ހއ. ކެލާގެ އިޖުތިމާޢީ ކުއްލި އެހީތެރިކަން ދޭ ޓީމު ތަމްރީނުކޮށްފި

profile

އާމިނަތު ޝަޒްލާ - 21 އޯގަސްޓު 2026 - 11:19

ހއ. ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށާއި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީނު ކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެ ރަށުގައި ޚާއްޞަ މަސައްކަތު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

https://wamco.com.mv/

މި ހިނގާ މަހުގެ 16 އިން 20 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުންތަކުގައި ކެލާ ކައުންސިލާއި، ރަށުގެ އެކި މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ. އެންޑީއެމްއޭ އިން މަޢުލޫމާތު ދެއްވި ގޮތުގައި މި ތަމްރީނުތަކުގައި ކައުންސިލާއި މުއައްސަސާތަކާއި އެކި ދާއިރާތަކުން 30 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕްރޮގްރާމަކީ ޔޫއެންޑީޕީ އަދި ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމުގެ ފުރަތަމަ ތިން ދުވަސް ޚާއްޞަކުރީ ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށެވެ. އެގޮތުން ރަށަށް މިހާރު ދިމާވަމުންދާ ނުރައްކާތަކާއި، އެކަންކަމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ، ކާރިސީ ހިރާސް ކުޑަކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

އަދި ފަހު ދެ ދުވަސް ޚާއްޞަކުރެވުނީ ކެލާގައި ކުއްލި ހާލަތުގައި ހަރަކާތްތެރިވާނޭ 'ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމު' ތަމްރީނު ކުރުމަށެވެ. ރަށުގެ މުއައްސަސާތަކާއި އާންމުން ހިމެނޭހެން އެކުލަވާލި މި ޓީމުގެ ތަމްރީނުގެ ފަހު ދުވަހު، ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ އަމަލީ ގޮތުން މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން އެމަރޖެންސީ ރެސްޕޮންސް އެކްސަސައިޒެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޢާއިޝަތު ޞަފޫރާ ވިދާޅުވީ، މިއީ ރަށްރަށުގެ ކާރިސީ ހިރާސް ކުޑަކޮށް، ރައްޔިތުންގެ ވިލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބޮޅެއް ކަމަށެވެ.

ހއ. ކެލާގައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާއިރު، ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިފަދަ ތަމްރީނުތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.

https://wamco.com.mv/
tel:+9607331319