
ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމެނީ: އެމްޓީސީސީ

ޝަހްޒާ މުޙައްމަދު - 17 މާރިޗު 2026 - 16:56
ތ. ގުރައިދޫގައި ތަރައްގީކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމި، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ގުރައިދޫ އެއާޕޯޓް މަޝްރޫޢުގެ ދަށުން ޖުމްލަ 13.80 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު ފެށި ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، މިހާރު ކުރިއަށްދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށްޓަކައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. މިގޮތުން 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ މުޅި މަސައްކަތުގެ ގާތްގަނޑަކަށް 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު، އެއާޕޯޓް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. އެމްއޭސީއެލްއާ މި މަސައްކަތް ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ރައީސް މިދިޔަ ސެޕްޓެމްބަރު މަހު ގުރައިދުއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައިވަނީ، "ގުރައިދޫ އެއާޕޯޓްގެ މަސައްކަތް 22 މަސް ދުވަހުގެ ތެރޭގައި ނިންމާ، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު އެއާޕޯޓްގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ" ކަމަށެވެ.
ގާތްގަނޑަކަށް 1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގުރައިދޫގައި އެއާޕޯޓެއް ތަރައްޤީކުރުމަކީ މުޅި ތ. އަތޮޅުގެ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ދެކެއެވެ. މި އެއާޕޯޓާއެކު އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
3 ގަޑިއިރު ކުރިން

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
3 ގަޑިއިރު ކުރިން

ރެފަރެންޑަމް ވޯޓާއި ގުޅިގެން ސަރުކާރުން އަމަލުކުރަމުންދިޔައީ ގާނޫނާއި އެއްގޮތަށް: އޭޖީ އޮފީސް
5 ގަޑިއިރު ކުރިން

ސްކޭމް މައްސަލައެއްގައި މީހަކު ހޯދަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)